ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ރޯދަ މާރުކޭޓު، ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ހުޅުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ރޯދަ މާރުކޭޓު، ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ތަރައްޤީކޮށްފައިވާ ރޯދަ މާރުކޭޓު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ. މި މާރުކޭޓަކީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވޭ ތަނެކެވެ.

މި މާރުކޭޓު ޤާއިމުކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދޭތެރޭގައި އޮންނަ ހުސްބިމުގައެވެ. މިއީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޤާއިމުކުރި ވަގުތީ މާރުކޭޓެކެވެ.

އެޗްޑީސީން ވިދާޅުވީ، ރަމަޟާންމަހުގެ ފުރަތަމަ ދުވަހު މާރުކޭޓު ހުޅުވުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން، މިހާރު ކުރިއަށްދަނީ މާރުކޭޓުން ގޮޅިތައް ދޫކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މި މާރުކޭޓުގެ ޚާއްޞަ ކަމެއްގެ ގޮތުގައި އެޗްޑީސީން ފާހަގަކުރީ، މާރުކޭޓުން ދޫކުރާ ގޮޅިތަކަކީ ކުލި ދައްކަންޖެހޭ ގޮތަށް ދޫކުރާ ގޮޅިތަކެއް ނޫން ކަމެވެ. މި މާރުކޭޓުން ޖުމްލަ 24 ގޮޅި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ގޮޅިތަކުގައި ވިއްކުމަށް ހުއްދަ ދެވޭނީ މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީގެ އިތުރުން އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތަކެވެ. މީގެ ސަބަބުން ރަމަޟާންމަހު އާންމުކޮށް ބޭނުންވާ ތަކެތި ހޯދުމަށް ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން