ރަމަޟާންމަހު ހެޔޮއަގުގައި 26 ބާވަތެއްގެ އަސާސީ ކާބޯތަކެތި އެސްޓީއޯއިން ލިބޭނެކަމަށް ބުނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރަމަޟާންމަހު ހެޔޮއަގުގައި 26 ބާވަތެއްގެ އަސާސީ ކާބޯތަކެތި އެސްޓީއޯއިން ލިބޭނެކަމަށް ބުނެފި

ކުރިއަށް އޮތް ރަމަޟާންމަހު ހެޔޮއަގުގައި 26 ބާވަތެއްގެ އަސާސީ ކާބޯތަކެތި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިޤްތިޞާދީ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އަލަށް އިތުރުކުރި 23 ބާވަތާއި، އާންމުކޮށް ބޭނުންކުރާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން ޖުމްލަ 26 ބާވަތެއް އެސްޓީއޯގެ އައުޓުލެޓްތަކުން މި ރަމަޟާންމަހު ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.

މި ނިންމުމަކީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ނުވަތަ ކާނާގެ ރައްކާތެރިކަން ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ. މިގޮތުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ އެސްޓީއޯ މެދުވެރިކޮށް އެތެރެކޮށް ވިއްކުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހެޔޮއަގުގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން 23 ބާވަތެއް އިތުރުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ފިޔަވަޅާއެކު ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރެވި، ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން