ދިއްދޫ ޖޫނިއަރ ކޮލެޖުގެ ކިޔެވުން، މިއަހަރުގެ މެދުތެރޭގައި ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ދިއްދޫ ޖޫނިއަރ ކޮލެޖުގެ ކިޔެވުން، މިއަހަރުގެ މެދުތެރޭގައި ފަށަނީ

ހއ. ދިއްދޫގައި ތަރައްޤީކުރަމުން އަންނަ ޖޫނިއަރ ކޮލެޖުގެ ކިޔެވުން، މިއަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މަތީ ތަޢުލީމާއި މަސައްކަތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި މަރުކަޒަކީ ރާއްޖޭގެ އުތުރުގައި ފަންނީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި އިމާރާތުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ނަމަވެސް، އިމާރާތުގެ އަސްލު ކޮންސެޕްޓަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާތީ، ކޮންޓްރެކްޓަރާ ގުޅިގެން އެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

އިމާރާތަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި ޚާއްޞަ ހޮސްޕިޓަލިޓީ ވިންގެއް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ޤާއިމުކުރުމެވެ. މި ވިންގަކީ ދަރިވަރުންނަށް އަމަލީ ތަމްރީނު ދިނުމަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަނެކެވެ.

މި ވިންގުގެ ތެރޭގައި ކަލިނަރީ ކިޗަންއަކާއި ޕޭސްޓްރީ ކިޗައެއް ހިމެނޭނެއެވެ. މީގެ އިތުރުން ހައުސްކީޕިން އަދި ފްރަންޓް އޮފީސް ދާއިރާއިން ކިޔަވައިދިނުމަށް ބޭނުންވާ ރޫމް ސެޓަޕްތަކާއި، ލޯންޑްރީ އަދި ރިސެޕްޝަން އޭރިއާއެއް ހެދުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރުދުވެލީގައި ކުރިއަށެވެ.

މި މަރުކަޒުގެ މަސައްކަތް ނިމި ކިޔެވުން ފެށުމުން، އުތުރުގެ އަތޮޅުތަކުގެ ޒުވާނުންނަށް ރަށުގައި ތިބެގެން ފަތުރުވެރިކަމުގެ ދާއިރާއިންނާއި އެހެނިހެން ފަންނީ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން