މިއަހަރުގެ މެއި މަހުގެ ނިޔަލަށް ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
މިއަހަރުގެ މެއި މަހުގެ ނިޔަލަށް ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމަނީ

މިއަހަރުގެ މެއި މަހުގެ ނިޔަލަށް މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު އެއްކޮށް ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރ، އަޙުމަދު ސަޢުދީ ވިދާޅުވެއްޖެއެވެ. މި މަޝްރޫޢަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މަގު ހެދުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ސަޢުދީ ވިދާޅުވީ، މަގުހެދުމުގެ އަމަލީ މަސައްކަތްތައް ރަމަޟާންމަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި މިހާރު ރޭވިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، މުޅި މަޝްރޫޢު މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސަޢުދީ ވިދާޅުވީ، "އިއްޒުއްދީން ޖެޓީން ފެށިގެން ހެންވޭރު ޓާމިނަލާހަމައަށް ކުރުމަށް ޝީޓްޕައިލްކުރުމާއި އެ މަސައްކަތް ފެށިގެންދާނެ. ރަމަޟާންމަސްތެރޭ ޝީޓްޕައިލްކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ. އޭޕްރިލް މޭއި ހިސާބަށް ދާންވާއިރަށް މުޅި މަގު ނިންމާލެވޭނެ މިހާރު ޝެޑިއުލްކުރެވިފަ އިންގޮތުން" ކަމަށެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު ނިމުމާއެކު، މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. މީގެ އިތުރުން މިއީ މާލޭގެ ޓްރެފިކް ފްލޯއަށް ލިބޭނެ ބޮޑު ލުޔެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި މަޝްރޫޢު ނިމިގެންދާއިރު ބޮޑުތަކުރުފާނު މަގަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ޒަމާނީ މަގަކަށް ވެގެންދާނެއެވެ. މިއީ މާލޭގެ މަގުތައް ތަރުތީބުކޮށް، ރައްޔިތުންނަށް ފަސޭހަ މާހައުލެއް ބިނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

މިއަދު އޮންލައިން