ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރުމަށްޓަކައި 40 ތެރަޕިސްޓުން ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އިޢުލާންކޮށްފިއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން ދެވޭ ތެރަޕިއުޓިކް ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ތެރަޕިސްޓުން ހޯދުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ ސްޕީޗް ތެރަޕިސްޓް، ބިހޭވިއަރަލް ތެރަޕިސްޓް، އޮކިއުޕޭޝަނަލް ތެރަޕިސްޓް އަދި ސައިކޯތެރަޕިސްޓް އެވެ. މީގެ ތެރެއިން ކޮންމެ ދާއިރާއަކުންވެސް 10 ތެރަޕިސްޓުން ހޯދުމަށް ވަނީ ނިންމާފައެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި ފުރުޞަތުތަކަކީ ރާއްޖޭގައި ތެރަޕިސްޓުން މަދުވުމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ ކަމެކެވެ. އެގޮތުން، ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޚާއްޞަ ޤައުމީ މަޝްރޫޢެއް ފެއްޓެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމަށާއި، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން ލިބޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.