ހުޅުމާލެ ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހުޅުމާލެ ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް، ބަލިމީހުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާގު ހަލީމެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލަށް ޖުމްލަ 28 އެނދު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ) އަށް އިތުރުކުރެވޭ 4 އެނދާއި، ޖެނެރަލް ވޯޑަށް އިތުރުކުރެވޭ 15 އެނދުގެ އިތުރުން ކުޑަކުދިންގެ ވޯޑަށް އިތުރުކުރެވޭ 9 އެނދެވެ.

މަސައްކަތް ހަވާލުކުރި އާރްޑީސީން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ. މި ބަދަލާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި ދިމާވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން