އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން އެމްޕީއެލުން ބުނީ، އަވަހަށް ހަލާކުވާ ތަކެތި ކްލިއަރ ކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި 3,000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް މިހާރު ވަނީ ތައްޔާރުކޮށްފައި ކަމަށެވެ. މި ޝެޑަކީ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އެމްޕީއެލުން ބުނި ގޮތުގައި މި ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބޯޓުފަހަރުން އަވަހަށް ބާލައި، އެ ތަކެތި ބެހެއްޓުމަށް އިތުރު ޖާގައެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް އެއްވެސް ދަތިކަމެއް ނެތި، ހަލުވިކަމާއެކު މުދާ ކްލިއަރ ކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
ރަމަޟާން މަހަކީ އާންމުކޮށް ރާއްޖެއަށް ގިނަ އަދަދަކަށް ކާބޯތަކެތި އެތެރެކުރާ މަހަކަށް ވުމުން، ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، މުދާ އޭގެ ފެންވަރުގައި ބާޒާރަށް ނެރުމަށް މި އައު ޝެޑުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.