އަޅުގަނޑަކީ މާލެ ސިޓީގައި ދިރިއުޅޭ ރާއްޖެ ތެތެރޭގެ ރަށަކަށް ނިޞްބަތްވާ މީހަކީމެވެ. އެކިފަހަރުމަތިން މާލެސިޓީއާއި ރާއްޖެތެރޭގެ ބައެއް ހޮސްޕިޓަލްތަކާ ޞިއްޙީ މަރުކަޒުތަކުން ވަނީ ޚިދުމަތް ހޯދިފައެވެ.
އެއްވެސް ތަނެއްގައި ޚިދުމަތްކުރާ ނަރުހުންނަށް ބަހެއް ބުނާކަށް ނެތީމެވެ. ޢާންމު ގޮތެއްގައި ހުރިހާ ނަރުހުންވެސް ރަނގަޅެވެ. އެހެންކަމާއިއެކުވެސް ދާދިފަހުން ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް ޙިއްޞާކޮށްލަން ބޭނުންވަނީއެވެ.
އެތަޖުރިބާއަކީ އަޅުގަނޑުގެ މަންމަ ކޮޅުމަޑުލު ވޭމަންޑޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އުޅުނުއިރު އެހޮސްޕިޓަލުގެ ނަރުހުންގެ ފަރާތުން ކުރެވުނު ތަޖުރިބާއެވެ. ހުރިހާ ނަރުހުންގެ ފަރާތުން ކުރެވުނު ތަޖުރިބާއެވެ.
އަޅައިލުމާއި ފަރުވާތެރިކަން ބެހެއްޓުމާއި އޯގާތެރިކަމާއިއެކު ޚިދުމަތް ދިނުމުގައި ހުރިހާ ނަރުހުންގެ ފަރާތުންގެ ފަރާތުންވެސް ފެނިގެންދިއައީ އާދަޢާ ޚިލާފަށް ރަނގަޅަށް ޚިދުމަތްކޮށްދިންކަމެވެ. އަޅުގަނޑުގެ ޢުމުރުގައި އަދި މިހާތަނަށް އެހާއޯގާތެރި ކަމާއިއެކު ކަންކަން ކޮށްދިންތަނެއް ފެނިފައެއް ނުވެއެވެ. އެހެންވެ އަޅުގަނޑު ބޭނުންވީ އެކަން ފާހަގަކޮށްލައި ހުރިހާ ނަރުހުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާށެވެ.
ހުރިހާ ނަރުހުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! މި ޝުކުރުގައި ހޮސްޕިޓަލުގެ ކަންކަން ބަލަހައްޓަވާ ހުރިހާ އިސް ބޭފުޅުންވެސް ޝާމިލުކުރަމެވެ. މިއީ ޝުކުރާއި ތައްރީފް ޙައްޤުވާ ބައަކަށް ބުނެލި ޝުކުރުގެ ބަސްކޮޅެކެވެ. ސަބަބު ކުރިން އެވަނީ ބުނެފައެވެ.
(މިއީ މިއަދުނޫހާއި ވަރަށް ގާތް ގުޅުމެއް ބަހައްޓަވާ ކިޔުންތެރިއެއްގެ އިޙްޞާޞްތަކެވެ.)