ސިނާމާލެއާއި މާލެ ހިޔާ ފްލެޓްތައް މަރާމާތުކުރުމަށް ޚާއްސަ އެސެސްމަންޓެއް ހެދުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ސިނާމާލެއާއި މާލެ ހިޔާ ފްލެޓްތައް މަރާމާތުކުރުމަށް ޚާއްސަ އެސެސްމަންޓެއް ހެދުމަށް ނިންމައިފި

މާލޭގައި ހުރި ސިނާމާލެ އަދި މާލެ ހިޔާ ފްލެޓްތަކުގެ ހާލަތު ބަލައި، އެ ތަންތަން މަރާމާތުކުރުމަށްޓަކައި ޚާއްސަ އެސެސްމަންޓެއް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ގެދޮރުވެރިކަމާއި ބިނާވެށި ފްލޭނިންގް އަދި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިނަމާލެ އަދި މާލެ ހިޔާގައި ދިރިއުޅޭ ފަރާތްތަކާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެ ޢިމާރާތްތަކުގެ މެއިންޓެނެންސާ ގުޅޭ ގިނަ މައްސަލަތަކެއް އެފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ޝަކުވާތައް ވަރަށް ގާތުން އަޑުއައްސަވާފައެވެ.

މި ޢިމާރާތްތަކަކީ މިހާރު މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ނަމަވެސް، މިއީ ޢާންމު ރައްޔިތުންގެ ދިރިއުޅުމާއި ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމަކަށްވާތީ، ސަރުކާރުން ވަނީ މިކަމުގައި އިސްނަގައިގެން މަސައްކަތް ކުރުމަށް ނިންމާފައެވެ. އެގޮތުން، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން އެ ޢިމާރާތްތަކުގެ ފަންނީ އެސެސްމެންޓެއް ހެދުމަށް މިހާރު ވަނީ ނިންމާފައެވެ.

ސިނަމާލެ ފްލެޓްތަކަކީ ބިނާކުރިތާ 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ފްލެޓްތައް ކުއްޔަށް ހިފި ފަރާތްތަކަށް މިހާރު ވަނީ އެ ތަންތަނުގެ މިލްކުވެރިކަން ލިބިފައެވެ. ނަމަވެސް ޢިމާރާތްތައް ބާވެ، މަރާމާތަށް ބޭނުންވެފައިވާތީ ރައްޔިތުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

މި އެސެސްމަންޓް ނިމުމުން، ޢިމާރާތްތަކަށް ބޭނުންވާ މަރާމާތުތައް ދެނެގަނެވި، އެކަމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން