ރާއްޖެއަށް ކައްކާ ގޭސް ލިބުމުގައި ދިމާވި ދަތިތަކަށް ހައްލެއް ލިބި، މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ. މި މައްސަލަ ހައްލުވުމާއެކު، މޯލްޑިވް ގޭސް މެދުވެރިކޮށް އާންމުކޮށް ވިއްކާ 10 ކިލޯގެ ގޭސް ފުޅިތައް މިހާރު ލިބެން ހުންނާނެއެވެ.
މިކަމާ ގުޅިގެން އެސްޓީއޯއިން ބުނެފައިވަނީ، އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ މޯލްޑިވް ގޭސްއިން ވިއްކާ ކައްކާ ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވީ ދުނިޔޭގެ ބާޒާރަށާއި ސަރަޙައްދީ ބާޒާރުގެ ސަޕްލައިއަށް އައި ލޮޅުންތަކަކާ ގުޅިގެން ކަމަށެވެ. މި ދަތިތަކާ ގުޅިގެން، މީގެ ކުރިން ވަނީ ގޭސް ދޫކުރާ މިންވަރު ވަގުތީ ގޮތުން ދަށްކޮށްފައެވެ.
ގޭސް ލިބުމުގައި ދަތިވި މުއްދަތުގައި، 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި މޯލްޑިވް ގޭސްއިން ވިއްކަމުން ދިޔައީ 7 ކިލޯގެ ގޭސް ފުޅިތަކެކެވެ. މި ފުޅިތައް ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވަނީ ޑިސްކައުންޓް ރޭޓުތަކެއްގައެވެ.
ނަމަވެސް، ގޭހުގެ ސްޓޮކް މިހާރު އިޔާދަކުރެވިފައިވާ ކަމަށާއި، މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސް ފުޅި ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯއިން ޕީއެސްއެމް ނިއުސްއަށް ވަނީ ކަށަވަރުކޮށްދީފައެވެ. "މިހާރު މިމައްސަލަ ހައްލުކުރެވުމާއެކު ކުރިއަށް އޮތް ތަނުގައި އެއްވެސް ދަތިކަމެއް ނެތި ކައްކާ ގޭސް ލިބޭނެ،" އެސްޓީއޯއިން ވިދާޅުވިއެވެ.
އެސްޓީއޯއިން ވަނީ ކުރިއަށް އޮތް ތަނުގައިވެސް މެދުކެނޑުމެއް ނެތި އާންމުންނަށް ގޭސް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދީފައެވެ.