ރޯދަމަހު އެމްޓީސީސީން ފޯރުކޮށްދޭ ފެރީއާއި ބަހުގެ ޚިދުމަތްތައްދޭ ގަޑިތައް ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރޯދަމަހު އެމްޓީސީސީން ފޯރުކޮށްދޭ ފެރީއާއި ބަހުގެ ޚިދުމަތްތައްދޭ ގަޑިތައް ހާމަކޮށްފި

މިއަހަރުގެ ރަމަޟާންމަހު މާލެ ސިޓީގައި އެމްޓީސީސީން ފޯރުކޮށްދޭ ފެރީއާއި ބަހުގެ ޚިދުމަތްތައްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރޯދަމަހުވެސް މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ޚިދުމަތްތައް ތަރުތީބުކޮށްފައިވަނީ އާންމުންނަށް ލުއިފަސޭހަވާނެ ގޮތަށް ބަލައިގެން ކަމަށެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އާންމު ފެރީ ދަތުރުތަކުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ މާލެ-ވިލިމާލެ ފެރީގެ ޚިދުމަތް ހަވީރު 5:50 އިން 7:00 އާ ހަމައަށް މެދުކަނޑައިލާނެއެވެ. މީގެ އިތުރުން މާލެ-ތިލަފުށި ފެރީ ހަވީރު 5:00 އިން 7:00 އަށް މެދުކަނޑައިލާއިރު، މާލެ-ގުޅީފަޅު ފެރީ ރޫޓް މެދުކަނޑައިލާނީ ހަވީރު 4:15 އިން 5:00 އަށެވެ. އަދި ހުޅުމާލެ-މާލެ ފެރީގެ ޚިދުމަތް މެންދުރުފަހު 3:00 ގެ ފަހުން މެދުކަނޑައިލާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އާރްޓީއެލް ބަހުގެ ދަތުރުތަކަށް ބަލާއިރު، މާލެ-ހުޅުމާލެ، ހުޅުމާލެ-އެއާޕޯޓު، އަދި މާލެ-އެއާޕޯޓު ބަހުގެ ޚިދުމަތް ހަވީރު 5:00 އިން 7:00 އާ ހަމައަށް މެދުކަނޑައިލާނެއެވެ. ހުޅުމާލެ އިންޓަރނަލް ބަހުގެ ޚިދުމަތް ހަވީރު 5:15 އިން 7:15 އަށް މެދުކަނޑައިލާއިރު، މާލެ އިންޓާނަލް ބަހާއި ވިލިމާލެ ބަހުގެ ޚިދުމަތް މެދުކަނޑައިލުމަށް ހަމަޖެހިފައިވަނީ އިރުއޮއްސި 6:00 އިން ރޭގަނޑު 9:00 އަށެވެ.

އެމްޓީސީސީން އިތުރަށް ވިދާޅުވީ، ރަމަޟާންމަހު އާރްޓީއެލް ފެރީ އާއި ބަހުގެ ދަތުރުތަކަށް ގެނެސްފައިވާ މައިގަނޑު ބަދަލަކީ، ކޮންމެ ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިއަށް ނިމޭގޮތަށް ތަވާލުކުރުން ކަމަށެވެ. މިއީ ރޯދަ ވީއްލާ ގަޑީގައި މުވައްޒަފުންނަށާއި އާންމުންނަށް ދަތިނުވާނެ ގޮތަށް ގެނެސްފައިވާ ބަދަލެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން