ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 4 ގެ ފ. އަތޮޅާއި ދ. އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ފ. އަތޮޅުގައި މި ޚިދުމަތް އިފްތިތާޙުކުރުމަށް އެ އަތޮޅު ނިލަންދޫގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތު އިފްތިތާޙުކޮށްދެއްވީ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އޮނަރަބަލް މުޙައްމަދު އަމީން އެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ ހައި ކޮމިޝަނަރ މުނޫ މަހާވަރު (ބަލަސުބްރަމާނިޔާމް ގަންގާދަރަން) އާއި، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސަޢުދާ އާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްލަމްގެ އިތުރުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
ހަމައެއާއެކު، ދ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ އެ އަތޮޅު މީދޫގައި ބާއްވައިފައެވެ. މި ރަސްމިއްޔާތުވެސް އިފްތިތާޙުކޮށްދެއްވީ ވަޒީރު މުޙައްމަދު އަމީން އެވެ. މި ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ހަމީދާއި، ދެ އަތޮޅުގެ ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ދ. އަތޮޅާއި ފ. އަތޮޅުގައި ފެށިގެންދާ ހައިސްޕީޑް ފެރީގެ ޚިދުމަތަކީ ރައީސް ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުންވާ ތަސައްވަރު ހާމަވާކަމެއްކަމަށް ވިދާޅުވިއެވެ. އަދި މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް މިކަމަށް އަލިއަޅުއްވާލައްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރިއަތް އޮތް 6 މަސްތެރޭގައި ހައިސްޕީޑުގެ ފެރީގެ ޚިދުމަތް ފެށިގެންދާނެކަމަށެވެ.ހައި ސްޕީޑުގެ ފެރީގެ ޚިދުމަތަކީ މިހާރުވެސް ރާއްޖޭގެ 12 އަތޮޅެއްގައި 123 ރަށެއްގައި ފޯރުކޮށްދެމުންދާ ޚިދުމަތެއްކަން ވަޒީރު ވިދާޅުވިއެވެ. އަދި އަލަށް ފެށުނު 2 އަތޮޅާއެކު އިތުރު 11 ރަށް އިތުރުވެންދާނެކަަމށް ވިދާޅުވިއެވެ.
މި ޚިދުމަތް ފެށުމާއެކު ފ. އަތޮޅާއި ދ. އަތޮޅުގެ ރައްޔިތުންނަށް އިޤްތިސޯދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. މި ދެ އަތޮޅުގައި ޖުމުލަ 6 ރޫޓަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 2 ރޫޓަކީ ފ. އަތޮޅާއި ދ. އަތޮޅު ގުޅާލުމަށް ޚާއްޞަ ކުރެވިފައިވާ ރޫޓުތަކެވެ.
އާރް.ޓީ.އެލް ޚިދުމަތުގައި ބޭނުންކުރާނީ 48 ޕަސިންޖަރުންގެ ޖާގައިގެ ޒަމާނީ ފެރީތަކެކެވެ. މީގެ އިތުރުން، ކޮންމެ ފެރީއެއްގައިވެސް އެންސްޕާގައި ރަޖިސްޓްރީވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 4 ސީޓު ޚާއްޞަކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.