ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް މިރެއިން ފެށިގެން ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ. އެމްއޭސީއެލްއިން ވިދާޅުވީ މި ބަދަލަށް ޢަމަލުކުރަން ފަށާނީ މިރޭގެ 08:00 އިން ފެށިގެން ކަމަށެވެ.
މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ އުޅަނދުތައް މަޑުކުރާނީ ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް ކުރިމައްޗަށެވެ. މީގެ އިތުރުން، ޑޮމެސްޓިކް ޓާމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާނީ ޓާމިނަލް 1 ގެ ޓެކްސީ ކިއު ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
އެމްއޭސީއެލްއިން އިތުރަށް ވިދާޅުވީ، މި ބަދަލާއެކު ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާކަމެއް ކަމަށެވެ. އެހެންކަމުން، އެއާޕޯޓަށް ދަތުރުކުރާ އުޅަނދުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
ޓާމިނަލްގެ ޚިދުމަތްތަކަށް ބަދަލު އައި ނަމަވެސް، އެއާޕޯޓްގައި ބަހުގެ ޚިދުމަތް ދޭ ގޮތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. ބަސްތައް މަޑުކުރާނީ މިހާރުވެސް ބަސް ހުއްޓިތައް ހުރި ސަރަޙައްދުތަކަށެވެ.
އެއާޕޯޓުން ޚިދުމަތް ހޯދާ ފަރާތްތަކާއި އުޅަނދު ދުއްވާ ފަރާތްތަކުން މި ގެނެވުނު ބަދަލުތަކަށް ސަމާލުވެ، އެއާޕޯޓްގެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.