ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބީއެމްއެލްގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބީއެމްއެލްގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެއިޑުން ހިންގާ ހާއްސަ ހަރަކާތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

އާކް އެއިޑުގެ މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދީންގެ އާއިލާތަކާއި އެކަނިވެރި މައިންގެ އާއިލާތަކުގެ ތެރެއިން، ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި އަހަރުގެ ޕްރޮގްރާމަށް ބޭންކުގެ މުވައްޒަފުން ފޯރުކޮށްދިން އެހީތެރިކަމާއެކު، ޖުމްލަ 200 އަށްވުރެ ގިނަ ކުދީން ހިމެނޭ އާއިލާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އަސާސީ ކާބޯތަކެތި ހިމެނޭ 100 އަށްވުރެ ގިނަ ޕެކް މި އާއިލާތަކަށް ވަނީ ހަދިޔާކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށްވެސް އިޖުތިމާއީ އެކި ހަރަކާތްތަކުގައި ބައިވެރިވެ، އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބައެކެވެ. މިގޮތުން މީގެ ކުރިންވެސް އާކް އެއިޑަށް ބޭންކުގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ރަމަޟާން މަހު ބޭންކުގެ މުވައްޒަފުން ވަނީ މަމްސް އެއިޑް ޖަމިއްޔާއިން ހިންގި ހަރަކާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއީ ބޭންކުގެ މުވައްޒަފުންގެ މެދުގައި އޮންނަ އެހީތެރިވުމުގެ ރޫހު ދައްކުވައިދޭ މުހިންމު ހަރަކާތެކެވެ.

މިއަދު އޮންލައިން