ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހު މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރާއްޖޭގައި ހަރަކާތްތެރިވާ ބޭންކުތަކުން ޚިދުމަތްދޭނެ ގަޑިތައް ރަސްމީކޮށް ޢާންމުކޮށްފިއެވެ. މީގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހިމެނެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި ރަމަޟާންމަހު އެ ބޭންކުގެ ބްރާންޗުތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ކަމަށެވެ. ނަމަވެސް ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ބޭންކު ބަންދުވާނެ ކަމަށް ބީއެމްއެލުން މަޢުލޫމާތުދެއެވެ. ބޭންކު ހުޅުވާފައި ހުންނަ ވަގުތުތަކަށް ބަދަލު އައި ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ޤާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައް ރަމަޟާންމަހުވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި އެ ބޭންކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ކަމަށެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވިދާޅުވީ ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރެއިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް އެ އޮތޯރިޓީ ހުޅުވާފައި ހުންނާނެ ކަމަށެވެ. މީގެ ތެރެއިން ބޭންކިންގގެ ޚިދުމަތުގެ ދަށުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:30 އިން މެންދުރު 12:30 އަށެވެ.
އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ، ފައިސާގެ މުޢާމަލާތްތަކުގެ އިތުރުން ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމުގެ ޚިދުމަތްވެސް ހަމަ އެ ވަގުތުތަކުގައި ކުރިއަށްދާނެ ކަމަށެވެ. މި ބަދަލުތަކަކީ ރަމަޟާންމަހުގެ ސަރުކާރުގެ ރަސްމީ ގަޑިތަކަށް އަންނަ ބަދަލާ ގުޅިގެން ގެނެސްފައިވާ ބަދަލުތަކެކެވެ.