ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކުރި އަވަހަށް ކުނިވާ ޒާތުގެ ނުވަތަ ޕެރިޝަބަލް މުދަލުގެ ތެރެއިން 480 ޓަނުގެ މުދާ މާލޭ ވިޔަފާރި ބަނދަރުން ކްލިއަރކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނީ މި އަދަދަށް މުދާ ކްލިއަރކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރާ ހަމައަށް ކަމަށެވެ.
އެމްޕީއެލްއިން މައުލޫމާތު ދިން ގޮތުގައި، މިވަގުތު ވެސް ޕެރިޝަބަލް މުދާ އުފުލާ ދެ ބޯޓެއް ބަނދަރު ސަރަޙައްދުގައި އެބައޮތެވެ. އަދި މި ބޯޓުތަކުގައި ހުރި ހުރިހާ މުދަލެއް އަންގާރަ ދުވަހުގެ ރޭ މެންދަމު 12 ޖެހުމާ ހަމައަށް ކްލިއަރކޮށް ނިމޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
ރަމަޟާން މަހަކީ ކާބޯތަކެތީގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މިންވަރު އިތުރުވާ މަހަކަށް ވާތީ، ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަށް މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޕީއެލްއިން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ. "ރަމަޟާން މަހާ ދިމާކޮށް އެތެރެކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރކުރެވޭނެ މަގު ފަހިކޮށްދިނުމަށް މި ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުން" ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
މި ދުވަސްވަރަކީ ބަނދަރުގެ އޮޕަރޭޝަންތައް ބާރުބޮޑު ދުވަސްވަރަކަށް ވީނަމަވެސް، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް އެމްޕީއެލްގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ސަބަބުން ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށާއި ތަކެތި ލިބުމުގައި ހުރި ދަތިތައް ހައްލުވުމަށް މަގުފަހިވެގެންދާނެއެވެ.