ކ. މާފުށީގައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދުގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމާއި، އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މާފުށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދު އެވެ.
މި މަޝްރޫޢުގެ ދަށުން މާފުށީގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯރކް އަޅައި، ގޭގޭގައި ނަރުދަމާ ޖަންކްޝަނާއި ފެން މީޓަރު ބަހައްޓައި، ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ސީއައުޓްފޯލް އެޅުމުގެ އިތުރުން، ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރުއޯ ޕްލާންޓާއި 3500 ޓަނުގެ ފެން ރައްކާކުރެވޭނެ ދެ ޓޭންކު ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށްޓަކައި ސޯލާ ޕީ.ވީ ސިސްޓަމްތައް ވެސް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭނެއެވެ.
މާފުށީގައި މިހާރު މީހުން ދިރިއުޅޭ ސަރަހައްދަށް ބަލާއިރު، އެ ސަރަހައްދުގައި އައު ނަރުދަމާ ނިޒާމެއް ޤާއިމުކުރުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަންތަކާއި ޖަންކްޝަންތައް ބެހެއްޓުމުގެ އިތުރުން، އައު ނަރުދަމާ އައުޓްފޯލްއެއް އަޅައި ގޭގެއަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި މަޝްރޫޢަކީ އެމްޑަބްލިޔުއެސްސީ އާއި ސަރުކާރު ހިއްސާވާގޮތަށް ކޯ-ފައިނެންސިންގ އުސޫލުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ޖުމްލަ 274.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން 88.8 މިލިއަން ރުފިޔާ އެމްޑަބްލިޔުއެސްސީ އިން ޚަރަދުކުރާއިރު، ބާކީ 186 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުންނެވެ.