ރައްޔިތުން އެދިފައިވާގޮތަށް ބަދަލު ގެނެސްގެން މާފުށީ ބަނދަރުގެ މަސައްކަތްކުރުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރައްޔިތުން އެދިފައިވާގޮތަށް ބަދަލު ގެނެސްގެން މާފުށީ ބަނދަރުގެ މަސައްކަތްކުރުމަށް ނިންމައިފި

ކ. މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދާއިރު، އެ ރަށުގެ ރައްޔިތުން އެދިފައިވާގޮތަށް ބަދަލުތައް ގެނެސްގެން މަސައްކަތް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ވަޒީރު ވިދާޅުވީ، މާފުށީ ބަނދަރުގެ މަޝްރޫޢަށް ރައްޔިތުން އެދިފައިވާ ބަދަލުތައް ގެނައުމަށް އެ ވުޒާރާގެ ބިޑް ކޮމިޓީން މިހާރު ނިންމާފައިވާ ކަމަށެވެ. މިއީ އެ ރަށުގެ ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މާފުށީ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބަނދަރުގެ މަޝްރޫޢު ކުރިއަށްދާއިރު ބޭރު ތޮއްޓަށް ބަދަލުތަކެއް ގެނައުމެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މާފުށީ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބަނދަރުގެ މަޝްރޫޢު ކުރިއަށްދާއިރު ބޭރު ތޮއްޓަށް ބަދަލުތަކެއް ގެނެސްދިނުން. އަޅުގަނޑުމެން މިއަދު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމާފައިވާނެ މިހާރު ރައްޔިތުން އެދިފައިވާގޮތަށް އެބަދަލު ގެނެސްގެން ބަނދަރުގެ މަސައްކަތް ނިންމާދިނުމަށް،" ކަމަށެވެ.

މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 76.48 މިލިޔަން ރުފިޔާ އެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އެކި ފަހަރުމަތިން ސަރުކާރާ ހިއްސާކޮށްފައިވާއިރު، މި ގެނެވޭ ބަދަލާއެކު މަޝްރޫޢު ނިމިގެންދާނީ ރައްޔިތުން އެދޭ ފެންވަރަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެމްޓީސީސީން މި މަޝްރޫޢު ނިންމާލާއިރު ރަށުގެ ރައްޔިތުން އެދިފައިވާގޮތަށް ބަނދަރުގެ ހުރިހާ މަސައްކަތްތަކެއް ފުރިހަމަވެގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މިއަދު އޮންލައިން