ރަމަޟާން މަހަށް ޚާއްޞަކޮށްގެން "ދަނޑުވެރިންގެ ބާޒާރު" ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރަމަޟާން މަހަށް ޚާއްޞަކޮށްގެން "ދަނޑުވެރިންގެ ބާޒާރު" ހުޅުވައިފި

މި އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލޭގައި ޤާއިމްކުރި ވަގުތީ މާރުކެޓް "ދަނޑުވެރިންގެ ބާޒާރު" ރަސްމީކޮށް ހުޅުވައިފިއެވެ. މި މާރުކޭޓު ހުޅުވާފައިވަނީ މާލޭގެ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ.

މި ބާޒާރަކީ ރަމަޟާން މަހާ ދިމާކޮށް ރަށްރަށުގެ ދަނޑުވެރިން އުފައްދާ ތަކެތި މާލެ ސަރަޙައްދުގައި ފަސޭހަކަމާއެކު ވިއްކޭނެ މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ތަރައްޤީކުރި ތަނެކެވެ. މި މަޝްރޫޢުގެ ދަށުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ސީދާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި މާރުކޭޓުގައި ޖުމްލަ 7 ރަށަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ދަނޑުވެރިކަމަށް އެންމެ މަޝްހޫރު ރަށްތައް ކަމަށްވާ ށ. ގޮއިދޫ، ގއ. ނިލަންދޫ އަދި ތ. ކަނޑޫދޫ ފަދަ ރަށްތައް ހިމެނެއެވެ. މީގެ ސަބަބުން ތާޒާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އާންމުންނަށް ލިބިގެންދާނެއެވެ.

މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 9:00 އިން 11:00 އާ ހަމައަށްވެސް ބާޒާރު ހުޅުވިފައި ހުންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ވަގުތީ މާރުކޭޓު ކުރިއަށްދާނީ މާރިޗު މަހުގެ 26 ވަނަ ދުވަހާ ހަމައަށެވެ. ރަމަޟާން މަސް ނިމުމާއެކު މި މާރުކޭޓު ނަގާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން