މާލޭ ނޯތު ހާބަރު ސަރަޙައްދު، އުޅަނދުފަހަރަށް އަލުން ހުޅުވާލުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މާލޭ ނޯތު ހާބަރު ސަރަޙައްދު، އުޅަނދުފަހަރަށް އަލުން ހުޅުވާލުމަށް ނިންމައިފި

މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ. އެ ކުންފުނިން ހާމަކުރެއްވި ގޮތުގައި މި ސަރަޙައްދު ބޭނުންކުރުމުގެ ފުރުސަތު މިރޭ 23:00 އިން ފެށިގެން އުޅަނދުފަހަރަށް ލިބިގެންދާނެއެވެ.

އެމްޕީއެލްއިން ވިދާޅުވީ، މި ސަރަޙައްދު އަލުން ހުޅުވާލުމަށް ހަމަޖެހިފައިވަނީ މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދުފަހަރާއި މަސް އޮޑިފަހަރަށް ކަމަށެވެ. މީގެ ސަބަބުން ބަނދަރުގެ ދަތުރުފަތުރާއި މުދާ ބޭލުމުގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ސަރަޙައްދުގައި ބަނދަރު ކުރެވޭނީ ވަކި އުސޫލުތަކެއްގެ ދަށުންކަން ފާހަގަކުރައްވައި، އެ ކުންފުނިން ވިދާޅުވީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ޤަވާއިދުތަކަށް ފެތޭ އުޅަނދު ފަހަރަށް އެކަނި މި ސަރަޙައްދުގައި ބަނދަރުކުރުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. އެހެންކަމުން ހުރިހާ އުޅަނދުފަހަރަކުންވެސް ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ބޯލެނބުމަށް އެމްޕީއެލްއިން އިލްތިމާސްކުރެއެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެމްޕީއެލްއިން ދަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަމުންނެވެ. އެގޮތުން، އަވަހަށް ހަަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، 3،000 އަކަފޫޓުގެ ހިޔާ ކޮށްފައިވާ ޝެޑެއް ޤާއިމުކޮށް މިހާރުވެސް ދަނީ ޚިދުމަތް ދެމުންނެވެ.

މާލެ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލުމާއެކު، މިހާރު ބޭނުންކުރަމުންދާ ޝެޑަށް އޮތް ބާރު ކުޑަވެ، މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތައް މިއަށްވުރެ ހަލުވިވެގެންދާނެ ކަމަށް އެމްޕީއެލްއިން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން