އަހުރެން ބުނާނީ އަމިއްލަ ކާރުގައި ނުވަތަ ޓެކްސީއެއްގައި އަދި ބަހުގައި ދަތުރަކަށް ފެށިނަމަވެސް އަދި އުޅަނދެއްގައި ދަތުރަކަށް ފެށިނަމަވެސް ދަތުރުދުޢާކުރާށެވެ. މިޒަމާނުގައި ހުރިހާ އުޅަނދެއްގައިހެން ސައުންޑްސިސްޓަމްތައް ހުރެއެވެ. ލަވަޖެހެން ހުރެއެވެ. އެހެންވީމާ ގިނަ ބައަކު ގޮވައިގެން ދަތުރަކަށް ފަށާނަމަ ދަތުރުދުޢާ އެމީހުންނަށް އަޑުއިއްވުމަކީ ކުރަން އުނދަގޫކަމެއް ނޫނެވެ.
ކިތަންމެ ކުރު ދަތުރަކަސް ފަށާނަމަވެސް އޮތީ ދަތުރުދުޢާކިޔައިގެން ދަތުރަށް ފެށުން ނަމަވެސް އެކަމަށް ސަމާލުކަންދެވޭ މީހުން މަދުވަމުން އަންނާތީ ދަންނަވަމެވެ. މިވާހަކަތައް ނުވަތަ މިކަންކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދެން ވިސްނާލަން އޮތީ މިޒަމާނުގައި ދަތުރުކުރަނީ ޖަނަވާރުގެމަތީގައި ނޫންކަމަށްވެފައި ސައިކަލާއި ކާރާއި ނުވަތަ ކަނޑުގައި ދުއްވާ އުޅަނދުތަކުގައި ދަތުރުކުރިނަމަވެސް އޮތީ ދަތުރުދުޢާކިޔައިގެން ދަތުރަށް ފެށުންކަމެވެ. އަދި މުދައު އުފުލާ އުޅަނދެއްގައި ދަތުރަކަށް ފެށިނަމަވެސްމެއެވެ.
މިހާރަކަށް ދަތުރަކަށް ފަށާނަމަ ކިޔަން އޮތް "ދަތުރު ދުޢާ" ކިޔަނީ މަދުމީހެކެވެ. އެއީ އެކަންކުރުމަކީ ކިހައި ވަރެއްގެ ކަމެއްކަން ނުއެނގޭތީކަމަށްވެދާނެއެވެ. ވީމާ ދުއްވާ އެއްޗެއްގައި (އެންމެ ކުޑަމިނުން ސައިކަލެއްގައި) ނަމަވެސް އަދި ކިތަންމެ ކުރު ދަތުރަކަށް ފަށާނަމަވެސް ދުޢާކިޔަންޖެހޭނެ ކަމާއި ކުރަންވީ ދުޢާވެސް މިއޮތީ ކީރިތި ޤުރްއާނުން ފެންނާށެވެ.
وَالَّذِي خَلَقَ الْأَزْوَاجَ كُلَّهَا وَجَعَلَ لَكُم مِّنَ الْفُلْكِ وَالْأَنْعَامِ مَا تَرْكَبُونَ
"އަދި
އެކަލާނގެއީ، ހުރިހާ ބާވަތެއްގެ ތަކެތި ޖޯޑުޖޯޑަށް ހެއްދެވި ރަސްކަލާނގެއެވެ. އަދި ނައުފަހަރާއި، ނަޢަމް ސޫފީގެ ތެރެއިން ތިޔަބައިމީހުން ސަވާރުވާނޭތަކެތި، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ." (އައްޒޒުޚުރޫފް: 12)
لِتَسْتَوُوا عَلَىٰ ظُهُورِهِ ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ وَتَقُولُوا سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ
"(އެއީ) ތިޔަބައިމީހުން އެތަކެތީގެ ބުރަކަށިމަތީގައި ހަމަޖެހުމަށްޓަކައެވެ. ދެން ތިޔަބައިމީހުން އޭގެމަތީގައި ހަމަޖެހޭހިނދު، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ނިޢްމަތް ހަނދުމަކުރުމަށެވެ. އަދި ތިޔަބައިމީހުން ކިޔުމަށްޓަކައެވެ. އަޅަމެންނަށް މި ތަކެތި ޚިދުމަތް ތެރިކޮށްދެއްވި ރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ." (އައްޒޒުޚުރޫފް: 13)
ދުޢާ:
سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ
" އަޅަމެންނަށް މި ތަކެތި ޚިދުމަތް ތެރިކޮށްދެއްވި ރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ."
ދަތުރު ދުޢާ ކިޔައިގެން ދަތުރަށް ފެށިނަމަވެސް ކުރިމަތިވާން އިރާދައިގައިހުރިކަމެއްނަމަ ކުރިމަތިވާނެއެވެ. ނަމަވެސް ކަމެއް ދިމާވިނަމަވެސް ތިމާ މިހުރީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ދުޢާކޮށްގެން ކަމުގެ ހިތްހަމަޖެހުން އެމީހަކަށް އޮންނާނެއެވެ. އަދި ﷲ ތަޢާލާ އެކަން ދެނެވޮޑިގެންވެއެވެ. ވީމާ އޮތީ ސަލާމަތާއި ރައްކައުތެރިކަމަށް އެދިގެން މިފަދައިން ދުޢާކިޔައިގެން ދަތުރަށް ފެށުމެވެ. އެއީ ކިތަންމެ ކުރު ދަތުރަކަށް ނަމަވެސްމެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން