އެދެމަފިރިންގެ ތިބީ 2 ފިރިހެންދަރިންނެވެ.
ކިޔަވައިދިނެވެ. ރަނގަޅު ގޮތުގައި ތަރުބިއްޔަތުވެސް ކުރިއެވެ. ރަނގަޅު މުސާރަލިބޭ ވަޒީފާއެއް ލިބެން މަގުފަހިކޮށްދިނެވެ. އަތްމަތި ހުސްކޮށްލައިގެން 2 ދަރިންގެ ކައިވެނިވެސް ކޮށްދިނެވެ.
ކައިވެންޏަށްފަހު ދޮށީ ދަރިފުޅު ބަދަލުވީ އަނބިމީހާގެ ފްލެޓަށެވެ. މަންމައާއި ބައްޕަ އުޅުނީ ހަގުދަރިފުޅާއިއެކު ގޭގައެވެ. ނަމަވެސް ޅީދަރިފުޅު އެގޮތް ބޭނުމެއް ނުވިއެވެ. މައްސަލަތައް ޖަސަމުން ގޮސް މަންމަ ގެންގޮސް ބޭބޭއާއި ޙަވާލުކުރީއެވެ.
އެވަރަކުންވެސް އޭނާއަކަށް ނުފުދުނެވެ. ދަރިފުޅަށް ޕްރެޝަރުކޮށްގެން ބައްޕަވެސް ގެންގޮސް ޙަވާލުކުރީއެވެ. ބޭބެވެސް ބޭބެގެ އަނބިމީހާވެސް އެކަމަކަށް ކަންބޮޑެއް ނުވެއެވެ. ހެޔޮކޮށް ހިތައިގެން މަންމައާއި ބައްޕަ ގެންގުޅުނީއެވެ. ދެމަފިރިންގެ ފެންވަރުން ހުރިހާ ކަމެއްވެސް ކޮށްދެނީ ވަރަށް ރަނގަޅަށެވެ.
އެއްވެސް ކަމެއް މެދުވެރިވުމުން އެއީ މިވެނިކަމަކާއި ގުޅިގެން މެދުވެރިވި ކަމެއް ކަމަކަށް ނުބުނެވޭނެއެވެ. އެކަމަކު މަންމައާއި ބައްޕަ ގެންގުޅެން ފެށިފަހުން ދެމަފިރިންނަށް ވަޒިފާގެ ކުރިއެރުން ލިބުނެވެ. ލިބޭ އާމްދަނީ އިތުރުވިއެވެ. އެއިގެ ބަދަލުގައި ހަގުދަރިފުޅުގެ ވަޒީފާ ގެއްލި ދަތިޙާލުގައި އުޅެންޖެހުނީއެވެ.
އަތްމަތި ހުސްވެ ދިރިއުޅެވޭނެ ގޮތެއް ނެތިގެން ބޭބެ ޢާއި ބައްދަލުކުރަން ދިއުމުން ގޮތް ނިންމީ މަންމައެވެ. މަންމަ ބުނީ ބޭބެގެ އަތުން ފައިސާ ހޯދަން ނުއުޅެ އެނބުރި ގެއަށް ދިއުމަށެވެ. 2، 3 ދުވަހެއްގެ ތެރޭގައި މައްސަލަ ޙައްލުކުރާނެ ކަމަށެވެ.
މަންމަ ދޮށީދަރިފުޅުގެ ދެމަފިރިންނަށް ވިސްނައިދިނީ ދެމަފިރިން މައިންބަފައިންގެ ގެއަށް ބަދަލުވުމަށެވެ. ގޭގައި 5 ކޮޓަރި ހުރުމުން އެންމެންނަށްވެސް ގޭގައި އުޅެވޭނެ ކަމެވެ. އަދި ޅީދަރިފުޅުގެ ފްލެޓް ކުއްޔަށް ދިނުމުން އިތުރު އާމްދަނީ ލިބޭނެކަމާއި އެފައިސާ އެއްކޮށްގެން ކޮންމެވެސް އަމިއްލަ މަސައްކަތެއް ފެށިދާނެ ކަމެވެ.
މަންމަގެ ބަސް ޤަބޫލުކޮށް ގެއަށް ބަދަލުވީއެވެ. ހަގުދަރިފުޅުގެ އަނބިމިހާއަށް ބުނެވޭނެ އެއްޗެއް ނެތެވެ. ހިންގޭނެ ބާރެއް ނުފޫޒެއްވެސް ނެތެވެ. އެހެންކަމުން މާޒީގައި ކަންކަން ކުރެވުނު ގޮތާއިމެދު ދެރަވެ ހިތާމަކުރަން އިނުން ނޫނެ ގޮތެއްވެސް ނެތެވެ. ފިރިމީހާއަށް ޕްރެޝަރުކުރުމަކުން ކުރާނެ ފައިދާއެއްވެސް ނެތެވެ. އެންމެ ދެރަވަނީ މަންމައާއި ބައްޕައާއިމެދު ކުރިން ޢަމަލުކުރެވުނު ގޮތުންނެވެ.
މިކިޔައިދިން ޙާދިސާއިން ޢިބްރަތް ޙާޞިލުކުރާށެވެ! މައިންބަފައިންނަށް ހެޔޮކޮށްހިތުމުން ކުރި ފައިޑާއާއި ނިކަމެތިކުރުމުން ލިބުނު ބޮޑުރެއަށް ވިސްނާށެވެ. ގެއަކީ މައިންބަފައިންގެ ގެއެވެ. އެމީހުން ގެއިން ބޭރުކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ މިއީ ބުއްދީގެ ހަމަތަކުން ބެލިނަމަވެސް ކުރަންހެޔޮވާނެ ކަމެއް ނޫނެވެ.
ނިންމާލަމުންވެސް ހަނދުމަކޮށްލައިދޭނަމެވެ. މައިންބަފައިންނަށް ދެރަނިކަމެތި ގޮތްގޮތް ހަދާފައި އުފަލުގައި އުޅެވޭނެ ކަމަށް ހީނުކުރާށެވެ! އެކަން ލަސްތަކެއް ނުވެ އެމީހަކާއި ބައްދަލުކުރާނެއެވެ. ކަހުން ނަމަވެސް އަރައިހަަމކުރާނެއެވެ. މިކިޔައިދިން ޙާދިސާ ފަދަ ޙާދިސާތައް އަބަދު އެދަނީ ހިނގަމުންނެވެ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން