ޢިބްރަތްތެރި ވާހަކަ: މުވައްޒިފަކީ ދަރިފުޅުކަން ނޭނގިހުރެ "ބެހެން" މަސައްކަތްކުރި "ބޮސް"ގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ
ޢިބްރަތްތެރި ވާހަކަ: މުވައްޒިފަކީ ދަރިފުޅުކަން ނޭނގިހުރެ "ބެހެން" މަސައްކަތްކުރި "ބޮސް"ގެ ވާހަކަ-

މިއީ ދެބަފައިންކަން ނޭނގިތިބެ ގުޅުމެއް ހިންގިއްޖެނަމަ ފާފަވެރިވާނެތޯ؟  

ދެބަފައިންކަން ނުއެނގުމަކީ ތަފާތު މައްސަލައެކެވެ. ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ ތަފާތު މައްސަލައެކެވެ. ވީމާ ފާފައެއް ކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. އެޒިންމާއަކުން ނުރެކެވޭނެއެވެ. އޮންނާނީ ތައުބާވުމެވެ. ﷲ ތަޢާލާއީ ތައުބާވުމުން ފާފަފުއްސަވައިދެއްވަވާ ރަސްކަލާނގެއެވެ.  

ތިމާމެންނަކީ ދެމަބަފައިން ނުވަތަ ދެމައިންކަން އެނގިތިބެގެން ގުޅުމެއް ހިންގައިފިނަމަ އެފާފަ އެތައް ގުނައަކަށް ބޮޑުވެގެންދެއެވެ. އެންމެ ބޮޑު ފާފަތަކުގެ ތެރެއިންވެސް ބޮޑު ފާފައަކަށް ވެގެންދެއެވެ. އެހެންވެ އެފަދަ ފާފަފައެއް ކުރަން ހެޔޮނުވާނެއެވެ. އެއްވެސް މިންވަރަކަށް ﷲ ގެ ކޯފާއާއި ޢަޛާބަށްއަށް ބިރުވެތިވާ މީހަކު އެފަދަ ބޮޑު ފާފައެއް ނުކުރާނެއެވެ.

- ޝައިޚް އަޒުހަރު ނަޞީރު  

ތިރީގައި އެވަނީވ ވަރަށް ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ!  

އަޅުގަނޑު ބޮޑުވެގެން އައި ދުވަސްވަރު ބައްޕައާއިމެދު ވިސްނެއެވެ. ބައްޕައާއި ދުވަހަކުވެސް ބައްދަލުނުވާތީ ބައްޕަ ކޮބައިތޯ ސުވާލުކުރަމެވެ. ސުވާލުކުރާ ކޮންމެ ފަހަރަކުވެސް މަންމަ ބުނަނީ އަދި ފަހުން ބައްޕަ އާއި ބައްދަލުވާނެ ކަމަށެވެ.  

އަޅުގަނޑުގެ ހުރިހާ ކަންކަން ބަލަހައްޓަނީ މަންމައެވެ. ފައިސާ ހޯދަނީ މަންމަ ވަޒީފާ އަދާކޮށްގެންނެވެ. ސްކޫލްގައި ބެލެނިވެރިންނަށް ބާއްވާ ބައްދަލުވުންތަކުގައި ވެސް އެއްގޮތަކަށްވެސް ބައްޕަ ބައިވެރިއެއް ނުވެއެވެ. އެކަމާ ސުވާލުކުރުމުން މަންމަ ބުނާނެއެވެ. "ބައެއްކުދިންގެ އަންނާނީ މަންމަ އާއި ބައްޕައެވެ. އަނެއްބައިކުދިންގެ އަންނާނީ މަންމައެވެ. އަނެއްބައިކުދިންގެ އަންނާނީ ބައްޕައެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ." 

ކޮންމެއަކަސް ޢުމުރުން 15 އަހަރު ފުރުނުފަހުން ބައްޕަގެ ވާހަކަތައް މަންމަ ކިޔައިދިނެވެ. ބައްޕައަކީ ކާކުކަމާއި އަޅުގަނޑަށް ބަލިވެ އިންދާ ވަރިކޮށްފައި ފޮނުވާލިފަހުން ދުވަހަކުވެސް ބައްދަލުނުވާ ވާހަކައެވެ. އަދި އެއްވެސް އެހީތެރިކަމެއްވެސް ނުލިބޭ ވާހަކައެވެ. ބައްޕަގެ ފޮޓޯވެސް ދެއްކިއެވެ.  

އަޅުގަނޑުގެ ޢުމުރުން 17 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. ދެން އަޅުގަނޑު ގެންގުޅުނީ އަޅުގަނޑުގެ ބޮޑުދައިތައެވެ. އުމުރުން 18 އަހަރުފުރުމުން ވަޒީފާއެއް ހޯދުމުގެ މަސައްކަތްފެށީމެވެ. ތަންތަނުން ކޮށްފައި ހުންނަ އިޝްތިހާރުތައް ބަލައިގެން "ޖޮބަކަށް އެޕްލައިކުރަން" ފެށީމެވެ.  

އެގޮތުން އެއްދުވަހަކު އިންޓަރވިޔުއަކަށް ދާންޖެހުނު އޮފީހަކަށް ދިއުމުން ދިއައީ ސިއްސައިގެންނެވެ. އިންޓަރވިޔުކުރަން ކުންފުނީގެ ވެރިމީހާގެ މަޤާމުގައި އިނީ ބައްޕައެވެ. އެވަގުތު ވަރަށް އުނދަގޫ ގޮތްތަކެއްވިއެވެ.  

ބައްޕައަށް އަހަރެން ކުރިން ފެނިފައި ނެތުމުން އަހަރެންނަކީ ދަރިއެއްކަމެއް ނުއެނގެއެވެ. ވަރަށް ގިނަ ވާހަކަތައް ދައްކާފައި އަޅުގަނޑުގެ ފޯނު ނަންބަރުވެސް ޔަޤީންކޮށްފައި ބުނީ އަޅުގަނޑާއިއެކު ކެއުމަކަށްދާން ބޭނުންވާ ކަމަށެވެ. އެކަން އަޅުގަނޑު ޤަބޫލުކުރީމެވެ.  

ކާން ގޮސް ތިބެގެން ބުނީ އަޅުގަނޑަށް ވަޒީފާ ދޭނެކަމަށާއި ނަމަވެސް އަޅުގަނޑާއި ވަރަށް ގާތް ގުޅުމެއް ބާއްވަން ބޭނުން ކަމަށެވެ. އެކަންވެސް އަޅުގަނޑު ޤަބޫލުކުރުމުން ވަޒީފާ ދިނެވެ. ވަޒީފާގައި މަހެއްހައި ދުވަސްވީފަހުން "ވެރިމީހާ" ލައްވައި އޮފީހުގެ ލިޔުމެއްގައި ސޮއިކުރަން އޭނާގެ ކެބިނަށް ދިއަ ދުވަހަކު ތެދުވެ ދޮރު ތަޅުލާފައި ކުރަން އުޅުނީ ވަރަށް ނުބައިކަމެކެވެ. ސަލާމަތްވެވުނީ ވަރަށް އާދޭސްކޮށްގެންނެވެ.

3 ވަނައަށް އޮތް ދުވަހު ލިބުނީ ވަޒީފާއިން

ވަކިކުރިކަމުގެ ސިޓީއެވެ. ސިޓީ ލިބުމުން ނުކުމެގެން ގެއަށްދިއައީމެވެ. އަދި އޭނާ އެކި ދުވަސްމަތިން ދއްކާފައި ހުރި ވާހަކަތަކުގެ ރެކޯޑިންގ ވައިބަރކޮށްލީމެވެ. ބުނީމެވެ. "މި ފަރީޝާއަކީ މޫމިނާ ޢަބްދުއްރަޙީމް ކަލެއަށް ވިހާފައިވާ ދަރިފުޅެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އަޅުގަނޑު ހީކުރީ މިއުމުރުގައި ބައްޕަ ހުންނާނީ އިޞްލާޙްވެގެން ކަމަށެވެ. މާދަން މިއޯޑިއޯތައް ފޭސްބުކަށްލާނަމެވެ. މަންމަ ނިކަމެތި ޙާލުގައި އަޅުގަނޑު ގެންގުޅެ ބޮޑުކުރުމަށްފަހު ދުނިޔެ ދޫކުރަންޖެހުނީ ތިއަ ބައްޕަ ދިން އަނިޔާތަކުގެ ސަބަބުންނެވެ. އަޅުގަނޑުގެ ހިތަކު ބައްޕައަށް އެއްވެސް ހަމްދަރުދީއެއް ނެތެވެ."  

އެހެން ބުނި ނަމަވެސް އަޅުގަނޑު އޭނާގެ ވާހަކަތައް ބޭޒާރެއް ނުކުރަމެވެ. އެއީ ކައްވަޅުގައި އޮތް އަޅުގަނޑުގެ މަންމަ މަރުނުވެ ދުނިޔޭގައި ހުރިނަމަ ވަރަށް ދެރަވާނެ ކަމަކަށްވާނެތީއެވެ. މަންމަ މަރުމަތީގައިވެސް ވަޞިއްޔަތްކުރި އެއްކަމަކީ ބައްޕަ ކޮންމެ ގޮތަކަށް ކަންތައްކޮށްފައިވީ ނަމަވެސް ބައްޕައަށް އިޙްތިރާމްކުރުމަށެވެ. ބައްޕައަށް އެހީތެރިވާނެ ފުރުޞަތެއް ލިބިއްޖެނަމަ އެހީތެރިވެ އަޅުގަނޑަށް ކޮށްދެވުނު ކޮންމެ ކަމެއް ކޮށްދިނުމަށެވެ.

އެދުވަހު ހަވީރު ބައްޕަ އަޅުގަނޑަށް ގުޅިއެވެ. އޮފީހަށް ގޮސްދިނުންއެދި ވަރަށް އާދޭސްކުރުމުން އެ ދައުވަތު ޤަބޫލުކުރީމެވެ. ވަރަށް ސާބިތުކަމާއިއެކު ހުރެގެން ދިއައީމެވެ. ބައްދަލުކުރުމުން ބައްޕަބުންޏެވެ. "ވަރަށް ބޮޑަށް މާފުކުރާށެވެ! ބައްޕައަކީ ހުރިހާ ގޮތަކުންވެސް ވަރަށް ބޮޑު ކުށްވެރިއަކީމެވެ. ދަރިފުޅުގެ ސަބަބުން ބައްޕައަށް ވަރަށް ގިނަ ކަންތައްތަކެއް ވިސްނިއްޖެއެވެ. ތައުބާވާން ފުރުޞަތު ލިބިއްޖެއެވެ. ދެން އިރާދަކުރެއްވިއްޔާ ބައްޕަ ފެންނާނީ ވަރަށް ތަފާތު މީހެއްގެ ގޮތުގައެވެ. ވަޒީފާއިން ވަކިކުރި ސިޓީވެސް އަނބުރާ ގެނެސްފީމެވެ. އަމިއްލަ ތަނެއް ފަދައިން މަސައްކަތްކުރަމުން ގެންދާށެވެ. ބައްޕަ، ބައްޕަގެ ވާޖިބުތައް އަދާކުރާނަމެވެ. ތިއައީ ދަރިފުޅުކަން އެނގުނު ވަގުތުން ފެށިގެން ތިއައީ ހަމަ އެހެން ދަރިން ފަދަ ދަރިއެކެވެ."  

ބައްޕަ އަޅުގަނޑަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ފެށުމުން ބުނީމެވެ. "ޝުކުރު އަދާކުރަންވީ އަޅުގަނޑަކަށް ނޫނެވެ. އަޅުގަނޑުގެ މަންމައަށެވެ. މަންމަ މަރުމަތީގައިވެސް ބައްޕައަށް ހެޔޮކޮށް ކަންކަން ކުރަން ވަޞިއްޔަތް ނުކޮށް އޮތްނަމަ ފޮނުވާނީ މެސެޖެއް ނޫނެވެ. ފިސާރި ރީތިކޮށް މުޅި ދުނިޔެއަށް ބޭޒާރުކޮށްލީމުހެވެ."  

އެތަނުގައި މަސައްކަތްކުރަން ބައްޕަދިން ފުރުޞަތުގެ ބޭނުމެއް ނުހިފަމެވެ. އަދި ބައްޕަގެ ތަނަވަސްކަމުން ވެސް ބޭނުމެއް ނުކުރަމެވެ. ކުރާކަށް ހިތަކުވެސް ނެތެވެ. އެހެންވެ މަސައްކަތްކޮށްގެން އެހެންތަނަކުން ވަޒީފާ ހޯދީއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނަން އޮތީ މިހިރީ ހަމަ މި ދިވެހި މުޖުތަމައުގައި މިހާރުވެސް ހިނގަމުންދާ ކަންކަމެވެ. އަނބިމީހާ ބަލިވެ އިނުމުން އެއްލައިލާ ގޮތަށް އަނބިމީހާގެ ނުބަލާތަނުގައި އަނބިން ވިހާ އެމީހުންގެ ދަރިންގެ ޙާލުވެސް ނުބަލަނީ ކިތައް ފިރިންހެއްޔެވެ؟  

މިކިޔައިދިނީ މާކުރީ ޒަމާނުގެ ވާހަކައެއް ނޫނެވެ. މީގެ 5 އަހަރުވަރު ކުރީގެ ވާހަކައެކެވެ. އަޅުގަނޑުގެ ބޭނުމަކީ ހުރިހާ ބައްޕައިން ގޯސްކުރުމެއް ނޫނެވެ. އަޅުގަނޑުގެ ބައްޕަ އާ އެއްޒާތަށް އުޅޭ ބައްޕައިންގެ ޙަޤީޤަތް ހާމަކުރުމެވެ.

 

- ލިޔުޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން