ކ. ގުޅީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސްޓެލްކޯއިން އެ ރަށުގައި 800 ކިލޯވޮޓުގެ އައު އިންޖީނެއް ބަހައްޓައި، ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނިން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގުޅީގައި އަލަށް އިންސްޓޯލްކުރި 800 ކިލޯވޮޓުގެ އިންޖީނާއެކު، އެ ރަށުގެ ޕަވަރ ޖެނެރޭޝަން ކެޕޭސިޓީ މިހާރު 1904 ކިލޯވޮޓަށް އިތުރުކުރެވިފައިވާ ކަމަށެވެ. މި އައު އިންޖީނު ބަހައްޓައި، މިހާރު ވަނީ ކާމިޔާބުކަމާއެކު ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައެވެ.
ގުޅީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އެމަނިކުފާނު މިދިޔަ އަހަރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
މި މަސައްކަތަކީ ރާއްޖޭގެ އެކި ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ފުޅާކޮށް، ޑިމާންޑް އިތުރުވާ ދުވަސްވަރު ދިމާވެދާނެ ދަތިތަކަށް ދުރާލައި ތައްޔާރުވުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު މަޝްރޫޢެކެވެ. މީގެ ސަބަބުން ގުޅީގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.