ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް އިސްލާހު ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް އިސްލާހު ކުރަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާއި ބެހޭ ޤާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި އިސްލާހު ހިމަނާފައިވަނީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒު ހުށަހެޅުއްވި ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައެވެ.

ސަރުކާރުން ހުށަހެޅި މި އިސްލާހުގެ އެންމެ މުހިންމު އެއް މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް މިހާރު ދައްކަންޖެހޭ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމެވެ. މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި އިސްލާހުގައިވާ ގޮތުން، ކޯޓާ ފީ ދައްކަން ނުޖެހޭނެ ވިޔަފާރިތައް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވަޒީރުންގެ މަޖިލީހަށެވެ. އަދި މިފަދަ ވިޔަފާރިތައް ކަނޑައެޅުމުގައި ވަޒީރުންގެ މަޖިލީހުން ރިއާޔަތް ކުރަންޖެހޭ މުހިންމު އުސޫލުތަކާއި ކަންކަން ވެސް މި ބިލުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ މި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފައިވަނީ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައެވެ. މި ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ވޯޓު ދެއްވާފައެވެ.

މަޖިލީހުން މި ބިލު ބަލައިގަތުމާ ގުޅިގެން، އިތުރަށް ދިރާސާ ކުރުމަށްޓަކައި މިހާރު ވަނީ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީ މަރުހަލާ ނިމުމުން ބިލަށް ގެންނަންޖެހޭ އިސްލާހުތަކާއެކު އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވޭނެއެވެ.

މިއަދު އޮންލައިން