އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކޮށްފައިވާ ކެތު ލެބުން މިހާރުވެސް 16 މީހަކަށް ކާމިޔާބުކަމާއެކު ފަރުވާ ދީފި އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ކެތު ލެބުގެ ހިދުމަތް ރަސްމީކޮށް ފެށި ފަހުން މިހާތަނަށް ޖުމްލަ 16 މީހަކަށް އެކި ފަރުވާތައް ދީފައިވާ ކަމަށެވެ. މީގެ ތެރެއިން 7 މީހަކަށް ސީއޭޖީ (ކޮރޮނަރީ އެންޖިއޯގްރަފީ) އާއި އެންޖިއޯޕްލާސްޓީ ހަދާފައިވާއިރު، ބާކީ ތިބި 9 މީހުންނަށް ހަދާފައިވަނީ ސީއޭޖީ އެކަނި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އެންޖިއޯގްރަފީއަކީ ހިތުގެ ބަލިތައް ދެނެގަތުމަށްޓަކައި ހަދާ މުހިންމު ޓެސްޓެކެވެ. މި ޓެސްޓު ހެދުމަށްޓަކައި ބަލިމީހާގެ އަތުގެ ކުޑަހުޅުން ނުވަތަ އުކުޅުވަޅުން ހިމަ ހޮޅިއެއް (ކެތީޓަރ) އެތެރެކުރެވެއެވެ. އެއަށްފަހު، ހިތުގެ ލޭހޮޅިތަކަށް (ކޮރޮނަރީ އާޓަރީޒް) ހާއްސަ 'ޑައި' އެއް ފޮނުވައި، އެކްސް-ރޭ ފޮޓޯ ނަގައިގެން ލޭހޮޅިތަކުގެ ތެރޭގައި އެއްވެސް ބްލޮކެއް ނުވަތަ ބެދުމެއް ހުރިތޯ ބަލައެވެ.
އައްޑޫގައި މި ހިދުމަތް ފެށުމަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމުގައި ލިބިގެންދިޔަ ބޮޑު ލުޔެކެވެ. މީގެ ކުރިން މިފަދަ ފަރުވާތައް ހޯދުމަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ދާންޖެހުމުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހޭ ތަކްލީފުތަކަށް މިކަމުގެ ސަބަބުން ވަނީ ހައްލެއް ލިބިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، އަތޮޅުތަކުގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.