ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެންނަށް" މަޝްރޫޢުގެ ދަށުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ "ހިޔާ ވެށިފަހި" ކެޓަގަރީއަށް ހުށަހެޅުމުގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ބޮޑު ލުޔެއް ދީފިއެވެ.
މި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ޖުމްލަ 7،900 ފްލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ޚާއްޞަ ކެޓަގަރީތަކަށް 2،400 ފްލެޓު ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި "ވެށިފަހި މާލެ" އަދި "ހިޔާ" މަޝްރޫޢުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، ނަމަވެސް އެ ލިޔުމާ އެއްގޮތަށް މިހާތަނަށް ފްލެޓް ހަވާލުކޮށްފައި ނުވާ ފަރާތްތަކަށް 500 ފްލެޓް ވަނީ ޚާއްޞަކުރެވިފައެވެ.
ހައުސިންގ މިނިސްޓްރީން މިއަދު އެކްސްގައި ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ކެޓަގަރީއަށް އެޕްލައި ކުރާއިރު ފްލެޓް ލިބޭނެ ކަމުގެ އަސްލު ލިޔުން އަތުގައި ނެތް ނަމަވެސް، ފްލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ. އެގޮތުން، ކަމާގުޅޭ އިދާރާއަކުން ޢާންމުކޮށްފައިވާ ލިސްޓެއް ނުވަތަ އެފަރާތަކަށް ފްލެޓް ލިބޭނެކަން ކަށަވަރުވާ ފަދަ ރަސްމީ އެހެން އެއްވެސް ލިޔުމެއް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫޢުގެ ދަށުން ފްލެޓު ދޫކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މައިގަނޑު ބައިތަކަކީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް، މާލޭގައި ދިރިއުޅޭ މީހުންނަށް 1،500 ފްލެޓް އަދި ޚާއްޞަ ކެޓަގަރީތަކަށް: 2،400 ފްލެޓް އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދޭ މި ލުޔަކީ، ލިޔުން ގެއްލިފައިވާ ނުވަތަ އެކި ސަބަބުތަކާހުރެ ލިޔުން ހުށަނޭޅިފައިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.