މި ފެށުނު ބަރަކާތްތެރި ރަމަޟާން މަހު މޯލްޑިވްސް އިމިގްރޭޝަނުން މާލެއާއި ރަށްރަށުގައި ޚިދުމަތްދޭނެ ރަސްމީ ގަޑިތައް އެ އިދާރާއިން މިއަދު އާންމުކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހުގެ ތެރޭގައިވެސް އާންމު ދުވަސްތަކެކޭ އެއްފަދައިން 'އިމުގާ' ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
ޕާސްޕޯޓާ ހަވާލުވުމުގެ ޚިދުމަތަށް ބަލާއިރު، މާލެ ސަރަހައްދުގައި 'ކިއުބީ' އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު 13:00 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:15 އިން 11:00 އަށެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 09:15 އިން މެންދުރު 12:00 އަށެވެ.
ކުއްލި ހާލަތްތަކާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ، މެޑިކަލް އިމަރޖެންސީ ފަދަ ޒަރޫރީ ބޭނުންތަކުގައި ޕާސްޕޯޓުގެ ޚިދުމަތް އަވަހަށް ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ހޮޓްލައިން ނަންބަރު 9555333 އަށް ގުޅުއްވައިގެން ކުރިއަށްގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.
ވިސާގެ ޚިދުމަތްތަކަށް ބަލާއިރު، އީ-ވިސާއަށް އެދި 'އިމުގާ' ޕޯޓަލް މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ހުށަހެޅޭނެއެވެ. ނަމަވެސް، ސްޓަރ ކްލައުޑްސް ބިލްޑިންގުގެ 8 ވަނަ ފަންގިފިލާއިން ދޭ ވިސާގެ ޚިދުމަތްތައް ލިބޭނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށެވެ. މީގެ އިތުރުން، އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޜަނުން ފޯރުކޮށްދޭ ރިޕެޓްރިއޭޝަންއާ ގުޅުންހުރި ޚިދުމަތްތައް ހެނދުނު 09:00 އިން މެންދުރު ފަހު 14:00 އަށް ލިބޭނެ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
މި ބަދަލުތަކަކީ ރަމަޟާން މަހުގެ ސަރުކާރުގެ ރަސްމީ ގަޑިތަކާ އެއްގޮތަށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ގެނެވުނު ބަދަލުތަކެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.