ލޭ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ރަމަޟާން މަހުވެސް ލޭ ހަދިޔާކުރުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ލޭ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ރަމަޟާން މަހުވެސް ލޭ ހަދިޔާކުރުމަށް އިލްތިމާސްކޮށްފި

ލޭ ލިބުމުގެ ދަތިކަމާ ގުޅިގެން، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުވެސް އާންމުން ލޭ ހަދިޔާކުރުމަށް މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމްބީއެސް) އިން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލް އަހްމީމް ފާރިޝް ވިދާޅުވީ، ނިމިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ލޭ ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވި ކަމަށެވެ. އެ ދަނޑިވަޅުގައި އާންމުންގެ އެހީތެރިކަމަށް އެދުމުން، އެކި މުއައްސަސާތަކާއި ކުންފުނިތަކުން އިސްނަގައިގެން ގިނަ އަދަދެއްގެ ލޭ ހަދިޔާކުރުމުގެ ކޭމްޕުތަކެއް ކުރިއަށް ގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ފެބްރުއަރީ މަހުގެ 1 އިން 17 އަށް އެކަނިވެސް ޖުމްލަ 19 ބްލަޑް ކޭމްޕެއް ބާއްވާފައިވާ ކަމަށާއި، މި ހަރަކާތްތަކުގެ ސަބަބުން މިހާރު ލޭ ލިބުމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށް އަހްމީމް ވިދާޅުވިއެވެ.

ރަމަޟާން މަހަކީ އާންމުކޮށް ލޭ ހަދިޔާކުރާ މިންވަރު މަދުވާ މަހަކަށްވާތީ، އެ މަހުގެ ތެރޭގައިވެސް ލޭ ހަދިޔާކުރެވޭނެ އިންތިޒާމުތައް އެމްބީއެސްއިން ވަނީ ހަމަޖައްސާފައެވެ. އަހްމީމް ވިދާޅުވި ގޮތުގައި، ރަމަޟާން މަހު ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެމްބީއެސް އަދި އައިޖީއެމްއެޗް މެދުވެރިކޮށް ދެ ވަގުތެއްގައި ލޭ ހަދިޔާ ކުރެވޭނެއެވެ. އެއީ ހެނދުނު 09:00 އިން 11:30 އަށް އަދި ރޭގަނޑު 20:00 އިން ދަންވަރު 01:00 އަށެވެ.

ލޭ ހަދިޔާ ކުރަން ވަޑައިގަތުމުގެ ކުރިން، އެމްބީއެސްގެ ލެބް ހޮޓްލައިން ނަންބަރު 9890991 އަށް ގުޅުއްވައި، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ ތެލެސީމިއާ ކުދިންނަށާއި، ކުއްލި ހާލަތްތަކުގައި ލޭ ބޭނުންވާ ފަރާތްތަކަށް މެދުނުކެނޑި ލޭ ފޯރުކޮށްދިނުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން