ޢިބްރަތްތެރި ވާހަކަ: ދަތިޙާލުގަ ތިބޭ މީހުންނަށް އެހީތެރިވުމަކީ ދުނިޔޭގައިވެސް ހިތް ފުރިގެންދާހާ ގިނަ ނިޢުމަތްތައް ދެއްވަވާކަމެއްކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ޢިބްރަތްތެރި ވާހަކަ: ދަތިޙާލުގަ ތިބޭ މީހުންނަށް އެހީތެރިވުމަކީ ދުނިޔޭގައިވެސް ހިތް ފުރިގެންދާހާ ގިނަ ނިޢުމަތްތައް ދެއްވަވާކަމެއްކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަނެކާއަށް އެހީތެރިވެވޭނީ އެމީހެއްގެ ކިބައިގައި ފެންވަރުހުރި ވަރަކުންނެވެ. އެއީ ކަންބޮޑުވާންޖެހެންވީ ކަމެއްވެސް ނޫނެވެ. ސަބަބަކީ ކޮންމެ މީހެއްގެ ޙާލަތުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ.

ތަނަވަސްކަން ހުރުމަކީ ހަމައެކަނި ބޮޑު ފައިސާވެރިއަކަށްވުމެއް ނޫނެވެ. ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައިވާ މީހަކު ނުވަތަ ޢާއިލާއެއް ތިމާގެ ގޭގައި ޖާގަ އޮތްނަމަ ގެންގުޅަދިނުމަކީ ކުރެވޭ އެންމެބޮޑު ޞަދަޤާތަކަށްވާނެކަން ވިސްނައިލާށެވެ. ﷲ ގެ ރަޙްމަތް އެމީހަކަށް އޮއްސަވާނެ ގޮތް ނުވެސް އެނގޭނެއެވެ.

ތިރީގައިވާ ޙާދިސާއިން ފިލާވަޅު ލިބިގަންނާށެވެ!  

އަޅުގަނޑު މާލެއިން ގެއެއް ގަތީމެވެ. މީހަކު މެދުވެރިވެގެން ގަންނަން ލިބުނީ މާލޭގެ ބިމާ ޢިމާރާތް ކުރުމުގެ އަގަށް ބަލާއިރު ވަރަށް ހެޔޮ އަގެއްގައެވެ. އެކަމާއިމެދު ހުރެވުނީވެސް ކަންބޮޑުވުމެއްގައެވެ.  

އެގޭގައި ދިރިއުޅެން ފެށުމުން ވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. ކޮންމެރެއަކުވެސް ތަފާތު ހުވަފެންތައް ފެނެއެވެ. އެހެންވެ އެކަމުގައި މެދުވެރިވި މީހާ އާއި ސުވާލުކުރުމުން އޭނާ ކިޔައިދިނެވެ. "ގެވިއްކައިލީ ގޭގެ ވެރި މީހާއަށް ދަރަންޏަކުން ސަލާމަތްނުވެވިގެން ދެން ހަދާނެ އެއްވެސް ގޮތެއް ނެތިގެންނެވެ. ރިބާ މައްޗަށް ރިބާއަރަމުން ގޮސް ސަލާމަތް ނުވެވޭނެ ހިސާބަށް ދިއުމުންނެވެ. އަގުހެޔޮކުރީ އެއްފަހަރާ ފައިސާކޮޅު ލިބޭތީއެވެ. އަދި މިހާރު އޭނާ އާއި ޢާއިލާ ދިރިއުޅެމުން ދަނީ ވަރަށް ދަތިޙާލުގައި ކުޑަ ކުޓަރިއެއްގައެވެ. ދަރަނި އަދާކޮށްފައި ބާކީ އެއްވެސް ފައިސާއެއް ނެތެވެ."

މިވާހަކަތައްވީ އަޑުއަހަން ވަރަށް އުނދަގޫވި ވާހަކަތަކަކަށެވެ. އެހެންކަމުން ވަރަށް ބޮޑަށް ވިސްނާފައި ގޭގެ 4 ފަންގިފިލާއިން އެއް ފަންގިފިލާ އެމީހުން ދިރިއުޅެން ދިނީމެވެ. އެއްވެސް ކުއްޔެއްވެސް ނެތި ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ.

ދެން މިކިޔައިދެނީ އެކަމުން ލިބުނު ބޮޑު ރަޙްމަތެވެ. އަޅުގަނޑަކީ މައިންބަފައިން ނިޔާވެފައިހުރި އެކަނިވެރިއަކީމެވެ. އެދެމަފިރިން ބަދަލުވީ އަޅުގަނޑަށް ވަރަށް ހެޔޮ މައިންބަފައިންނަށެވެ. އެދެމަފިރންގެ ބޮޑުވެފައިތިބި 2 ދަރިންނަށް ވަޒީފާ ދިނުމުން އެކުދިންވީ ވަރަށް އިޚްލާޞްތެރި މުވައްޒިފުންނަށެވެ. 3 ވަނައަށްހުރި ދަރިފުޅާއި އަޅުގަނޑު ކައިވެނިކުރީއެވެ. ހަމައެކަނި އެންމެ ބޭނުމަކުއެވެ. ދުވަހަކުވެސް އެމީހުން ގެއިން ނުނެރެ ގެންގުޅެވޭނެ ގޮތަކީ އެއީ ކަމަށްވާތީއެވެ.

އެކަމުގެ ނަތީޖާ ބުނަންވެސް އުނދަގުލެވެ. މިއަދު އެއީ އަޅުގަނޑުގެ 7 ދަރިންގެ މަންމައެވެ. ތެދުވެރިކަމާ ވަފާތެރިކަމާ ގެވެށި ދިރިއުޅުމުގައި އަދި އަޅުގަނޑަށް ލޯބި ދިނުމުގައި މެޑެލްގެމައްޗަށް މެޑެލް ޙައްޤު އަންތބެކެވެ. އެއާއިލާ ގެއަށް ގެނައިފަހުން އަޅުގަނޑަށް ވިޔަފާރީގައި ވަނީ ބޮޑުކުރިއެރުމެއް ލިބިފައެވެ. ހިތްހަމަޖެހުން ލިބުމުގެ އިތުރުން މިހާރު ވަނީ އިތުރު ގޯއްޗެއްވެސް ގަނެ ގެވެސް އަޅައިފައެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ނިކަމެތި ޙާލުގަ ތިބިބައަކަށް އެހީތެރިވުމުގެ ފައިދާ އަޅުގަނޑަށް ކިތަންމެ ރަނގަޅަކަށްވެސް ކޮށްފިއެވެ. އެހެން މީހުންނަށް އެހީތެރިވުން ކުރިއަސް ނެރޭނަމަ އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ފެންނާނެކަން މިވަނީ ކިތަންމެ ރަނގަޅަކަށްވެސް ތަޖުރިބާ ކުރެވިފައެވެ. އިން ޝާ ﷲ

 

- އިބްރާހީމް އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން