އަހުރެންގެ ބައިވެރިޔާއާއިމެދު އަހުރެންނަށް ކަންކަން ކުރެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެހެން މިބުނަނީ އޭނާއާއިމެދު ޝައްކުތައް ކުރެވުނީތީއެވެ. ކުރެވުނު ޝައްކުތަކުގެ ސަބަބުން ބައެއް ކަންކަމުގައި އިހްމާލުވެސް ވެވުނީތީއެވެ. އިތުބާރުކުޑަކުރެވުނީތީއެވެ. އަހުރެން ދެކެ ލޯބިނުވާކަމަށް ޤަބޫލުކުރެވުނީތީއެވެ.
ކަންދިމާވިގޮތުން ކައިވެންޏަށް 8 ވަނަ އަހަރު ފިރިމީހާ އަބަދަށް ގެއްލިއްޖެއެވެ. އެއީ ކާރުއެކްސިޑެންޓްވެ މަރުވުމުންނެވެ. އެހިސާބުން ފިރިމީހާއާއިމެދު މާބޮޑަށް ވިސްނަން ފެށުނެވެ. ލޯބިވެގެން އުޅުނު 2 އަހަރާއި އަދި ކައިވެނީގައި ހޭދަކުރެވުނު 8 އަހަރާއިއެކު 10 އަހަރުގެ ތެރޭގައި އަހުރެންނަށް ދެރަވާނެ ގޮތަށް އެއްވެސް ކަމެއް ނުކުރާކަން ޤަބޫލުކުރެވުނީ ފިރިމީހާ މަރުވިފަހުންނެވެ.
ފިރިމީހާގެ މަތިން ހަނޑާންކުރުމުގައި ދުވަސްތައް ހޭދަކުރީމެވެ. ލިބިފައިވާ 2 ދަރިން ލޮލަށްފެންނަ ކޮންމެ ވަޤުތަކު ފިރިމީހާގެ ހަނދާންތައް އައުވެގެންދެއެވެ. އެހެންވެ ދެވަނަ ކައިވެނިކުރާނެ ހިތްވަރު ނުލިބި އިންދައި ރޮއްވައިލީ ޤާނޫނީ ވަކީލެވެ. އަހުރެމެންގެ ކައިވެނީގެ އަހަރީ ދުވަހުއެވެ.
އޭނާ އައިސް ދިއްކޮށްލީ ލިޔުމަކާއި ކޭޝްކާޑެކެވެ. "އަހުރެންގެ ހިތުގެ ރާނީއަށް ވަރަށް ހެޔޮދުޢާ ސަލާމް! އަހުރެން ތިބާއަށް އެއްވެސް ކަމެއް ނުފޮރުވަމެވެ. އެންމެ ކަމެއް ފިޔަވައެވެ. އެކަމަކީ ތިބާއަށް ސިއްރުން އަހުރެން ޖަމާކުރި މިފައިސާއެވެ. މިއީ އަހުރެން ނެތް ދުވަހަކުވެސް ތިބާއާއި ދެދަރިންނަށް ދަތިޙާލެއްގައި އުޅެން ޖެހިދާނެކަމުގެ ބިރަށް ޖަމާކުރި ފައިސާއެވެ. އަހުރެންގެ މުދަލުގެ މައްޗަށް ޢާއިލާއިން އަތްގަދަކުރިޔަސް ތިންމައިން ނިކަމެތިވިޔަނުދިނުމަށްޓަކައެވެ. ފައިށާ ބޭންކުގައިއެހުރީ ތިބާގެ ނަމުގައެވެ. ވީމާ އަހުރެންގެ ޢާއިލާއިން ކޮންމެ ގޮތަކަށް ކަންކަން ކުރިޔަސް ތިންމައިންނަށް މިފައިސާއިން އުޅެވޭނެއެވެ.
އަހުރެންގެ ހިތުގެ ރާނީއެވެ. އަހުރެން އެދޭކަމެއްވެސް ބުނެލާނަމެވެ. ތިބާ އަދި ޒުވާނެވެ. އަހުރެންގެ ހަނދާނުގައި އެކަނި އިންނަން ނުވިސްނާށެވެ. ހިތްހަމަޖެހޭ މީހަކާއި ކައިވެނިކޮށް އުފަލުގައި އުޅޭށެވެ. އެއީ ދެދަރިންނަށްޓަކައިވެސް ކުރަންޖެހޭނެ ކަމެކެވެ.
ތިބާ އިތުރު ކައިވެންޏެއް ކުރުމަކީ އަހުރެމެންނަށް ސުވަރުގެއިން ބައްދަލުނުކުރެވޭނެ ސަބަބެއް ކަމަށް ނުދެކޭށެވެ. ދެމީހުން އެކުގައި އުޅުނުއިރުފަދައިން މުޅި ޢުމުރުގައިވެސް ތަޤްވާވެރިކަން އިސްކުރާށެވެ! ތަޤްވާވެރިންގެ ހިތުގެ އެދުންތައް ﷲ ފުއްދަވައިދެއްވަވާނެތެވެ. އިން ޝާ ﷲ"
ލިޔުން ކިޔައި ނިމުނުއިރު ކަރުދާސްގަނޑު އޮތީ ފޯވެފައެވެ. އަހުރެންގެ ލޮލުން ފޭބި ކަރުނައިންނެވެ.
އަހުރެން ބުނާނީ އަހުރެންގެ ފިރިމީހާ ފަދަ ފިރިއަކު ނުލިބޭނެ ކަމަށެވެ. ފިރިމީހާގެ މުދަލުގެ މައްޗަކަށް އޭނާގެ ޢާއިލާއިން ބާރެއް ނުހިންގައެވެ. ދެދަރިންނަށް ދޫކޮށްލީއެވެ. އެކަމަސް ކޮށްފައި ހުރި ވަޞިއްޔަތް ގިނަކަމުންނެވެ.
އަހުރެން ދެވަނަ ކައިވެނިކުރީމެވެ. އެއީ ފިރިއަކާއި ނުލައި ދިރިއުޅުމަކީ އަހުރެންނަށް ކުރެވޭނެ ކަމަކަށްނުވާތީއެވެ. ހަށިގަނޑުގައި ވޭން އަޅަން ފެށުމުން މަޖުބޫރުވެގެންނެވެ. އަހުރެންނަށް ސުވަރުގެއިން ދެއްވަވާނެ ފިރިއަކު ދެނެވޮޑިގެންވާނީ ﷲ އެވެ. އެކަމަކު އެންމެ ބޮޑު އުންމީދަކީ ފިރިމީހާއާއި ސުވަރުގެއިން ބައްދަލުވުމެވެ. ފިރިމީހާގެ ތަނަވަސްކަމުގެ ބޭނުން ހިފަމުން މިގެންދަނީވެސް ފިރިމީހާއަށް ޘަވާބު އިތުރުވާނެ ގޮތަށެވެ. އެއީ ސުަވރުގެއިން ބައްދަލުކުރަން ބޭނުންވާވަރު ބޮޑުކަމުންނެވެ.
- ރައިޙާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ