ރޯދަ ފިޔަވައި އެހެން ކޮންމެ އަޅުކަމެއް ކުރިޔަސް ދެއްވަވާނެ ޘަވާބުގެ ޢަދާދައިމެދު ކޮންމެވެސް ވަރެއްގެ ހިށާބެއް ހަދައިލެވެން އެބައޮތެވެ. މިޘާލަކަށް ޤުރްއާނުން އާޔަތެއް ކިޔަވައިފިނަމަ މަދުވެގެން 10 އާޔަތް ކިޔެވިކަމުގެ ޘަވާބު ދެއްވަވާނެތެވެ. ޞަދަޤާތެއް ކޮށްފިނަމަ ނިޔަތުގެ މައްޗަށް ބައްލަވައި 10 އަކުން ފެށިގެން 700 ގުނައަށް ޘަވާބު އިތުރުކުރައްވަވާނެވެ.
އެހެނެއްކަމަކު ހިފާރޯދަޢާއިމެދު މުޅިން ތަފާތެވެ. ދެއްވަވާނެ ޘަވާބުގެ މިންވަރު ހިތަށް ގެނެވޭނެ ގޮތެއްވެސް ނެތެވެ. ސަބަބަކީ ރޯދައަށް ދެއްވަވާނެ ޘަވާބުގެ މިންވަރު ދެނެވޮޑިގަތުން ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. މަލާއިކަތުންނަށްވެސް އެނގިވަޑައެއް ނުގަންނަވާނެއެވެ. އެހެންވެ ފަތުގައިވެސް ލުޔުއްވަވާނީ ރޯދަހިފިކަމާއި ރޯދައަށްގހުރެ ޢަމަލުކުރި ގޮތެވެ. ރޯދަ ފުރިހަމަކުރަން ކުރި މަސައްކަތެވެ.
ވީމާ ރަމަޟާން މަހުގެ ރޯދަހިފަމުންދާއިރު އެރޯދަ ވީހާފުރިހަަމކުރަން ގަދައަޅައި ަމސައްކަތްކުރަމުން ގެންދާށެވެ. ވީހާގިނަ ހެޔޮ ޢަމަލުތައް ކުރަމުން ގެންދާށެވެ. ފަރުޟް ނަމާދުތަކަށް ރައްކައުތެރިވުމާއިއެކު ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ. ޤުރްއާން ކިޔެވުމަކީ އެންމެ މަތިވެރި ޛިކުރުކުރުމެވެ. ވީމާ ޤުރްޢާން ކިޔެވުން ގިނަކޮށް ވީހާގިނައިން ޛިކުރުކުރާށެވެ. ޞަދަޤާތްދޭށެވެ. ޢާއިލާއަށް ހެޔޮކޮށްހިތާށެވެ. މީސްތަކުންނަށްވެސް ހެޔޮކޮސްހިތާށެވެ. ހެޔޮ ޢަމަލަކަށްވާނެ އެންމެ ކަމެއްވެސް ނުކޮސް ދޫކޮށްނުލާށެވެ!
އެއިރު އެމީހާ ހިފާ ރޯދަ ފުރިހަމަވެ އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދާނެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން