މާލޭގެ މަގުތަކުގެ ތަރުތީބު ގެއްލޭގޮތަށް ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިހުރި އުޅަނދުތައް ކުރިއަށް އޮތް ހޯމަ ދުވަހުން ފެށިގެން ޓޯވް ކުރަން ފަށާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ދަށުން މާލޭގެ އެކި ސަރަޙައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ގިނަ ދުވަސްވަންދެން މަގުމަތީގައި ބަހައްޓާފައިހުރި އުޅަނދުތައް ނަގާނެއެވެ. މީގެ އިތުރުން 'އޭ ޒޯން' ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން މާލޭގެ މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ވެސް މި މަހުގެ 23 ވާ ހޯމަ ދުވަހުން ފެށިގެން ޓޯވް ކުރަމުންދާނެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ، މަގުމަތީގައި ނުގަވާއިދުން ބަހައްޓާފައިވާ އުޅަނދުތައް މި މަހުގެ 22 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 23:30 ގެ ކުރިން ނެގުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން މަގުމަތީގައި ހުންނަ އުޅަނދުތައް ފުލުހުން ކަނޑައަޅާ ވަކި ސަރަޙައްދަކަށް ގެންދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އުޅަނދުތައް ޓޯވްކޮށްގެން ގެންދިއުމުގެ ތެރޭގައްޔާއި، ފުލުހުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުންގެ ޚިދުމަތުން ޒިންމާ ނުވާނެ ކަމަށެވެ.
މި ފިޔަވަޅަކީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް އަމާން އަދި ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.