މާލޭގެ ޖުމްހޫރީ މައިދާން އާބާތުރަފިލުވާ ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައެއް ނިންމުމަށްފަހު، އެ ސަރަޙައްދު ވަގުތީގޮތުން މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ. މި ސަރަޙައްދު ވަގުތީގޮތުން ހުޅުވާލާފައިވަނީ ކުރަންޖެހޭ މަސައްކަތްތަކުގެ 90 އިންސައްތަ ނިމުމާ ގުޅިގެންނެވެ.
ޖުމްހޫރީ މައިދާނަށް ބައެއް ބަދަލުތައް ގެނައުމަށާއި އާބާތުރަފިލުވުމަށް އެ ސަރަޙައްދު ބަންދުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ސަރުކާރުން މި މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެންނެވެ.
އާރުޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މައިދާން ހުޅުވުން ލަސްވެގެން ދިޔައީ ފްލޯރިންއަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެއިން ބޭރުން ގެނައުމުގައި ދިމާވި ދަތިތަކަކާ ގުޅިގެންނެވެ. ނަމަވެސް، ރޯދަމަހަކީ ގިނަ އަދަދެއްގެ ބަޔަކު ހިތްފަސޭހަކޮށްލުމަށް މި މައިޒާން ބޭނުންކުރާ ދުވަސްވަރަކަށް ވާތީ، އާންމުންގެ ލުއިފަސޭހައަށްޓަކައި އެ ސަރަޙައްދު ވަގުތީގޮތުން ހުޅުވާލަން ނިންމީ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން މައިދާނުގައި ހުރި ބުރުތައް މަރާމާތުކޮށް، އިށީންނާނެ ރީތި ބެންޗުތައް ވަނީ ބަހައްޓާފައެވެ. އަދި ރީތި މާގަސްތައް އިންދައި، މުޅި ސަރަޙައްދު ވަނީ ޒީނަތްތެރިކޮށްފައެވެ. ވަގުތީގޮތުން މައިދާން ހުޅުވާލި ނަމަވެސް، އެ ސަރަޙައްދު ފެހިކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ، އެކަމަށް ސަމާލުވުމަށް އާރުޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.