ކުޅުދުއްފުށީގައި ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ހަކަތަ އިއާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީ އާއި ޖަޕާނުގެ ކެނެޑޭވިއާ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރިއަށްދަނީ ހދ. ކުޅުދުއްފުށި ސިޓީގައެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، ކުޅުދުއްފުށީގައި ކުރިއަށްދާ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ އާރްއޯ ޕްލާންޓް ކޮމިޝަން ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި ނިޒާމަށް ބޭނުންވާ ބެޓަރީ ސިސްޓަމްތައް މިހާރު އިންސްޓޯލްކޮށް ނިންމާފައިވާކަމަށާއި، ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަތީން އިތުރަށް ވިދާޅުވީ، މި މަޝްރޫޢަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރަށްރަށުގައި ފެން އުފެއްދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށެވެ. "މި މަޝްރޫޢަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރަށްރަށުގައި ފެން އުފެއްދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަސައްކަތް. ކުދި ރަށްރަށުގައި މިކަން ކުރަން ފަސޭހަވާނެ. މި މޮޑެލް އެހެން ރަށްރަށުގައި ފުޅާކުރުމަށް އެހީތެރިވާނަން،" މަތީން ވިދާޅުވިއެވެ.
މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިމުމުން، ކަރަންޓަށް ކުރާ ހޭދަ ކުޑަވެ، ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އެމްޑަބްލިޔުއެސްސީގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް ހުރިހާ މަސައްކަތްތަކެއް ނިންމައި، މި ނިޒާމުގެ ބޭނުން ހިފަން ފެށުމެވެ.