ޗައިނާގެ ބާޒާރަށް ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށްޓަކައި، ރާއްޖޭގެ 13 ފަރާތެއް ޗައިނާގެ "ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް" ގައި ރަޖިސްޓްރީކޮށްފިއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބޮޑެތި ބާޒާރުތަކަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ލިބުނު މުހިންމު ކުރިއެރުމެކެވެ.
މިކަމާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ކޮންސަލްޓެންޓް ޝުހާދު އިބްރާހިމް ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޗައިނާއަށް މުދާ އެކްސްޕޯޓްކުރުމަށް ބޭނުންވާ ރަޖިސްޓްރޭޝަން މަރުޙަލާ މިހާރު ގިނަ ފަރާތްތަކަކުން ފުރިހަމަކުރަމުން އަންނަ ކަމަށެވެ. އަދި މި އައު ފުރުޞަތުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށާއި ރާއްޖޭގެ އުފެއްދުންތެރިންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝުހާދު ވިދާޅުވި ގޮތުގައި، ޗައިނާގެ ރަސްމީ އެކްސްޕޯޓް ރަޖިސްޓްރީގައި މިހާރު ރާއްޖޭގެ 13 ފަރާތެއް ވަނީ ހިމެނިފައެވެ. މީގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ބާވަތްތައް ހަމައެކަނި ރޯ-މެޓީރިއަލް ނުވަތަ ކަނޑުމަހުގެ ގޮތުގައި ބޭރުކުރުމުގެ ބަދަލުގައި، ރާއްޖޭގައި އެތަކެތި ޕްރޮސެސްކޮށް، ވެލިއު އެޑްކޮށްގެން ބޭރުކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.
"ރާއްޖެއިން 13 ފަރާތެއްވެސް ޗައިނާއަށް އޮފިޝިއަލް އެކްސްޕޯޓްކުރާ ރަޖިސްޓްރީގައި މިއިންނަ ޕްރޮސެސްގެ ތެރެއިން މިހާރު ވަނީ ރަޖިސްޓަރވެސް ކުރެވިފައި. އެހެންވީމަ ރާއްޖޭގައި މި ބާނާ މަސް ހަމައެކަނި ރޯމެޓީރިއަލްގެ ގޮތުގައި ލޯވެލިއުގައި ބޭރުކުރުމުގެ ބަދަލުގައި ޕްރޮސެސްކޮށްގެން ވެލިއު އެޑްކޮށްގެން އިތުރު އާމްދަނީއަކާއި މަންފާއެއް ލިބޭނެ އިތުރު މަގެއް ލިބިގެން މިދިޔައީ،" ޝުހާދު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ފުރުޞަތަކީ ހަމައެކަނި މަސްވެރިކަމުގެ ސިނާޢަތަށް އޮތް ފުރުޞަތެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ އެކި ބާވަތްތަކުގެ އުފެއްދުންތެރި މަސައްކަތްތަކަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި މިހާރަށްވުރެ ބޮޑު އަގާއި މަންފާ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.