ކެނދިކުޅުދޫގެ ތަރައްޤީއަށް ޢުމްރާނީ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ކެނދިކުޅުދޫގެ ތަރައްޤީއަށް ޢުމްރާނީ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން!

ނ. އަތޮޅު ކެނދިކުޅުދޫގެ ތަރައްޤީއަށްޓަކައި ސަރުކާރުން އިސްނަގައިގެން ޢުމްރާނީ ބޮޑެތި މަޝްރޫޢުތަކެއް މިހާރު ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ސިއްޙީ ދާއިރާއާއި، ދަތުރުފަތުރާއި، ތަޢުލީމީ ދާއިރާގެ އިތުރުން ރަށުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމުގެ މުހިންމު މަސައްކަތްތަކެއް ހިމެނެއެވެ.

އެގޮތުން އެ ރަށުގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލްގެ އާ އިމާރާތުގެ ސްޓްރަކްޗަރގެ މަސައްކަތް މިހާރު ވަނީ މުޅިންހެން ނިމިފައެވެ. މި އާ އިމާރާތް ނިމުމުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް އިތުރުވެ، ކުރިން ނުލިބޭ އާ ޚިދުމަތްތައް ތަޢާރަފުވެގެންދާނެއެވެ. މިއީ ހަމައެކަނި ކެނދިކުޅުދޫއަށް އެކަނި ނޫން، އެ ދާއިރާގެ އެހެން ރަށްތަކަށްވެސް އޭގެ މަންފާ ކުރާނެ މުހިންމު މަޝްރޫޢެކެވެ.

ރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ރަށުގެ ބޮޑު މަގުގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން 1.5 ކިލޯމީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

ކެނދިކުޅުދޫގެ ދެ އަވަށުގައި ދަތުރުވެރިންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ދެ ޖެޓީއެއް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މީގެ ތެރޭގައި ހިމެނެނީ 45 މީޓަރުގެ ޖެޓީއަކާއި 80 މީޓަރުގެ ޖެޓީއެކެވެ. އަދި ތަޢުލީމީ ދާއިރާއަށް ބަލާއިރު، ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިދިޔަ އަހަރުން ފެށިގެން ދަނީ ކުރަމުންނެވެ.

ގާތްގަނޑަކަށް 2000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ، 5 ކިލޯމީޓަރުގެ ދިގު މި ރަށަކީ ރަށުގެ ދެކޮޅުގައި ދެ އަވަށަށް މީހުން ދިރިއުޅޭ ރަށެކެވެ. މިހާރު ކުރިއަށްދާ މި މަޝްރޫޢުތައް ނިމުމުން، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން