މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހުރި ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ދެ ސެގްމެންޓެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިމާރާތުން ފެށިގެން ޖުމްހޫރީ މައިދާނުގެ މެދާ ހަމައަށް ހުރި މަގު ފުޅާކޮށް، ހަތަރު ލޭނަށް ވަނީ ތަރައްގީކޮށްފައެވެ. 2025 އޯގަސްޓު 22 ގައި ފެށި މި މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ދެވަނަ ސެގްމެންޓުގެ މަސައްކަތް ނިންމާލުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ވިދާޅުވީ، އިއްޒުއްދީން ފާލަމުން ފެށިގެން އިރަށް ހެންވޭރު ޓާމިނަލާ ހަމައަށް މަގު ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އެގޮތުން މި މަހުގެ ފަހުކޮޅު މި މަސައްކަތް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.
ސައުދީ އިތުރަށް ވިދާޅުވީ، "ރަމަޟާން މަސް ތެރޭގައި އެކަން ވެސް ފައްޓައިގެން، ޝީޓްޕައިލްގެ މަސައްކަތް ފައްޓައިގެން ކުރިއަށް ދާނެ. ގޮސް ގާތްގަނޑަކަށް އޭޕްރީލް މެއި ހިސާބަށް ވާންވާއިރަށް އަޅުގަނޑަށް ހީވަނީ މުޅި މަގު ނިންމާލެވޭނެހެން މިހާރު ޝެޑިއުލް ކުރެވިފައިވާ ގޮތުން،" ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މި މަޝްރޫއުގެ ދަށުން ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް ފަށާ ފިޔަވަހީގައި 600 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލް ކުރުމާއި، 700 މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ ޖުމްލަ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.