އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފަހު ފުރުޞަތު، މާދަމާ މެންދުރު ފަހު 03:00 އަށް ހަމަވާނެއެވެ.
މި ފުރުޞަތަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ނިންމުމާ ގުޅިގެން ދީފައިވާ ފުރުޞަތެކެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ އެކު، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީ ވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ 22 ފެބްރުއަރީ ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 03:00 އާ ހަމައަށެވެ.
ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން VR (Space) NID ޖެއްސެވުމަށް ފަހު 1414 އަށް އެސް.އެމް.އެސް އެއް ފޮނުވުމުން އެ މަޢުލޫމާތު ލިބޭނެ ކަމަށް އީސީއިން ބުނެއެވެ. އަދި ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، އެ ކޮމިޝަނުގެ ހޮޓްލައިން ނަންބަރު 1414 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.