ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކުން 70،000 އަށް ވުރެ ގިނަ މީހުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާފައިވާކަން ހާމަވެއްޖެއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއަށް ދެއްވި މައުލޫމާތެއްގައި ޞިއްޙީ ވުޒާރާގެ އިސް ބޭފުޅުންނެވެ.
ޞިއްޙީ ވަޒީރުގެ ނައިބު އައިމިނަތު އިސްމާއިލް ވިދާޅުވީ، ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނަފްސާނީ އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. މި ހިސާބުތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން މި ބަލިތަކަށް ދެވޭ ސަމާލުކަން އިތުރުވެފައިވާކަން އަންގައިދޭ ކަމެކެވެ.
މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން އައިޝަތު ޝުހުޒާ ވިދާޅުވީ، "އަޅުގަނޑުމެން ވަރަށް ފަހުން ބަލާލިން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ކްލިނިކްތަކެއް ނުބެލޭ. ރާއްޖޭގެ ރީޖަނަލް ހުރިހާ ހޮސްޕިޓަލްތަކާއި ގްރޭޓަރ މާލޭގައި ހުރި ޕްރައިވެޓް ހޮސްޕިޓަލްތަކާއި ހުރިހާ ހޮސްޕިޓަލްތަކެއް ލައިގެން މިހާތަނަށް ކިހާ ނަފްސާނީ ފަރުވާ ނުވަތަ ނަފްސާނީ އެހީތެރިކަމަށް އެދިފައިވޭތޯ. 70،000 އަށް ވުރެއް ގިނަ މީހުން ރީޖަނަލް ހޮސްޕިޓަލްތަކާއި ގްރޭޓަރ މާލެ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކުން ފަރުހޯދާފައި އެބަވޭ،" ކަމަށެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރު އެކަނިވެސް ޖުމްލަ 23 މީހަކަށް ފަރުވާ ދިނުމަށްފަހު އަނބުރާ އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ޝުހުޒާ ފާހަގަކުރެއްވިއެވެ. މިއީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން މުޖުތަމައަށް އަނބުރާ ނެރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.
ނިންމާލަމުން ޝުހުޒާ ވިދާޅުވީ، ފާއިތުވި ދެ އަހަރަކީ ނަފްސާނީ ދާއިރާއިން ރާއްޖޭގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ދެ އަހަރު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ދާއިރާ އިތުރަށް ހަރުދަނާކޮށް، ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.