ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިދިޔަމަހު ދައުލަތަށް 180 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިދިޔަމަހު ދައުލަތަށް 180 މިލިޔަން ރުފިޔާ ލިބިއްޖެ

މިދިޔަ ޖަނަވަރީ މަހު ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ. މޯލްޑިވްސް އިނލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖަނަވަރީ މަހު ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 180 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބުނު 115 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 56.5 އިންސައްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، މިދިޔަ މަހު ދައުލަތަށް 188 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވަނީ 117 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 60.6 އިންސައްތައިގެ އިތުރުވުމެކެވެ.

ޖުމްލަ ގޮތެއްގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހު ދައުލަތަށް 368 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު މި ދެ ބައިން ލިބިފައިވަނީ 232 މިލިޔަން ރުފިޔާއެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކުހުން ލިބުނު ޖުމްލަ އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 58.6 އިންސައްތަ އިތުރު އަދަދެކެވެ. މި ކުރިއެރުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން ލިބުނު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން