ދަރިއަކަށްޓަކައި މިއަށްވުރެ ބޮޑު ޤުރްބާނީއެއްވި ބައްޕައެއްގެ ވާހަކަ އަޑުއެހީމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ދަރިއަކަށްޓަކައި މިއަށްވުރެ ބޮޑު ޤުރްބާނީއެއްވި ބައްޕައެއްގެ ވާހަކަ އަޑުއެހީމުތަ؟

ބައްޕަ ގިނަ ކަންތައް ކޮށްދިނަސް އެކަން ޤަބޫލުނުކުރަނީ ކީއްވެގެންތަ؟  

ތިއައީ ވަރަށް ގިނަ ޖަވާބުތައް ދެވިދާނެ ސުވާލެކެވެ. އެހެންވެ މިފަހަރު ކުރުކޮށްލާނަމެވެ. އެދެނީ މިނަޞާޙްތާއި މިޙާދިސާއިންޢިބްރަތް ޙާޞިލްކުރުމެވެ.  

ބައްޕައަކު އޭނާގެ ދަރިންނަށް އަޅައިނުލުމުގެ ޒިންމާ ހުރިހާ ބައްޕައިންގެ ބޮލަށް ނުޖަހާށެވެ! އަދި ކިތަންމެ މަދުން ނަމަވެސް ދަރިން ނުބަލާ މައިން ތިބޭތީ އެކަމުގެ ޒިންމާވެސ ހުރިހާ މައިންގެ ބޮލަށް ނުޖަހާށެވެ. އެކަންވާނީ ވަރަށް ބޮޑު ބޭއިންޞާފަކަށެވެ.  

ތިރީގައި އެވަނީ އަނބިމީހާ ނިޔާވުމުން ދަރިފުޅަށް ލޯތްބާ އަޅައިލުން ދީގެން އެކަނި ދަރިފުޅު ބަލައި ބޮޑުކޮށް އަދި އެދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ދުނިޔެ ދޫކޮށް ދިއަ ބައްޕައެއްގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ!  

ސީމާ ވިހެއުމަށްފަހު އޭނާގެ މަންމަ ވަނީ ނިޔާވެފައެވެ. މަންމައެއްގެ ދައުރުވެސް އަދި ބައްޕައެއްގެ ދައުރު އަދާކުރީވެސް ބައްޕައެވެ.  

ސީމާގެ ބައްޕަ ސީމާ ގެންގުޅުނީ ވަރަށް ލޯބިންނެވެ. ބައްޕައާއިއެކު ކުޅެން އުޅެމުން އެއްދުވަހު ސީމާ ސުވާލުކުރިއެވެ. "ބައްޕާއެވެ. އަޅުގަނޑު ބޮޑުވެ 15 އަހަރުފުރޭދުވަހު ހަދިޔާއަކަށް ބައްޕަ އަޅުގަނޑަށް ދެއްވާނީ ކޮން އެއްޗެއްތޯއެވެ؟"  

ޖަވާބުގައި އްޕަ ބުންޏެވެ. "ދަރިފުޅާއެވެ. އެކަމަށް ވާހަކަދައްކަން އަދި މާއަވަހެވެ."  

ސީމާއަށް 15 އަހަރުގައި ސީމާގެ ހިތް ފޭލްވާންފަށައިފިއެވެ. ޑޮކްޓަރުން ބުނަނީ ހިތް ބަދަލުކުރުން ނޫން ގޮތެއް ނެތްކަމަށެވެ. ޙާލު ބޮޑުވަމުން ގޮސް އެންމެ ފަހުން އައިސީސީޔޫގައި ބާއްވައިފިއެވެ. 

އެއްދުވަހު ދަރިފުޅަށް ޒިޔާރަތްކުރުމުން ދަރިފުޅު ބުންޏެވެ. "ބައްޕާއެވެ. ޑޮކްޓަރުން ބުނަނީ އަޅުގަނޑުގެ ހިތް ފޭލްވެފައިވާ ކަމަށެވެ. އަދި ދެން މާގިނަ ދުވަހަކު އަޅުގަނޑު ދުނިޔޭގައި ނުއޮންނާނެ ކަމަށެވެ."  

ޖަވާބުގައި ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! އިރާދަކުރެއްވިއްޔާ ދަރިފުޅު މަރެއް ނުވާނެއެވެ. ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން ބައްޕައަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެއެވެ."  

އެހެން ބުނެފައި ދިއަފަހުން ބައްޕަ ދަރިފުޅު ދެކޭކަށް ނުދެއެވެ. ސީމާގެ އޮޕަރޭޝަންކުރި ދުވަހުވެސް ބައްޕައެއް ނުފެނެއެވެ. އޮޕަރޭޝަނަށްފަހު ޙާލުރަނގަޅުވަމުން އައިސް ގެއަށް ދެވުނީ ސީމާގެ 15 ވަނަ އުފަން ދުވަހުއެވެ.  

ގެ ހުރީ ފަޅަށެވެ. ގޭގައި އުޅެނީ ހަމައެކަނި ގެ ބަލަހައްޓާ މީހާއެވެ. ސީމާއަށް ފެނުނީ މޭޒުމަތީގައި އޮތް ނޯޓެކެވެ. "ލޯބިވާ ދަރިފުޅާއެވެ! މިނޯޓު ކިޔަން ދަރިފުޅަށް ލިބިއްޖެނަމަ ދަރިފުޅުގެ 15 ވަނަ އުފަންދުވަހުގެ ހަދިޔާ ތިއަވަނީ ލިބިފައެވެ. ދަރިފުޅުގެ އޮޕަރޭޝަނަށް ޚަރަދުކުރަންޖެހުމުން އެކައުންޓުގައި މާގިނަ ފައިސާއެއް ނުހުންނާނެއެވެ. ބަލައިގެން ޚަރަދުކށްފިނަމަ 18 އަހަރުވަންދެން މީހަކަށް އުނދަގޫނުކޮށް އުޅެވޭނެއެވެ.  

ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅު ވަރަށް ކުޑައިރު ބައްޕަ ގާތު އެހީމެއް ނޫންހެއްޔެވެ؟ ދަރިފުޅުގެ 15 ވަނަ އުފަންދުވަހުގެ ހަދިޔާއަކަށް ބައްޕަ ދޭނީ ކޮން އެއްޗެއްތޯއެވެ؟ އެހަދިޔާ ދީފީމެވެ! ދަރިފުޅަކަށް ނުފެންނާނެއެވެ! އަތެއްވެސް ނުލެވޭނެއެވެ! އެހަދިޔާއަކީ މިހާރު ދަރިފުޅުގެ ހަށިގައިވާ ބައްޕަގެ ހިތެވެ! -- ދަރިފުޅު ދެކެ އަބަދުވެސް ލޯބިވާ ބައްޕަ-"  

ސީމާއަށް ބާރަށް ރޮއިގަނެވުނެވެ! ބުނެވުނެވެ! "ލޯބިވާ ބައްޕާއެވެ! ބައްޕައަށް ޝުކުރު އަދާކުރާނެ ގޮތެއް ނުވެސް އެނގެއެވެ. އަޅުގަނޑަށް އެނގިގެން ދެއްވިނަމަ މި ހަދިޔާ ބޭނުމެއް ނުކުރީމުހެވެ. ނަމަވެސް ލޯބިވާ ބައްޕާއެވެ! އިރާދަކުރެއްވިއްޔާ ބައްޕައާއި ސުވަރުގެއިން ބައްދަލުކުރާނެ ދަރިއަކަށް ސީމާވާނަމެވެ!"  

ސީމާގެ ބޮޑުބޭބެގެ އެހީތެރިކަމާއިއެކު ސީމާ އެންމެ މޮޅަށް ކިޔެވިއެވެ. ސީމާވީ ހިތުގެ އޮޕަރޭޝަން ޑޮކްޓަރަކަށެވެ. ފަޤީރުންނަށްޓަކައި ހިތްބަދަލުކުރުމުގެ އޮޕަރޭޝަންކޮށްދެނީ ހިލޭސާބަހަށެވެ! ފުރާނައެއް ސަލާމަތްކުރުމުގެ ސަވާބު ބައްޕައަށް ދެއްވެވުން އެދިގެންނެވެ. އެކަމުގެ ސަބަބުން މާތް ﷲ އޭނާ އާއި އޭނާގެ ަބއްޕަގެ ފުއްސަވާދެއްވަވައި ދެބަފައިން ސުވަރުގެއިން ބައްދަލުކުރުމުގެ އުންމީދުގައެވެ.

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑަށް މިވާހަކަވެގެންދިއައީ ބައްޕައަކާއި ގުޅިގެން ކިޔުނު އެންމެ ރީތި އަދި އެންމެ އަސަރުގަދަވާހަކައަށެވެ. އެހެންވެ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލީއެވެ! ޢިބްރަތަކަށްވާނެ ކަމުގެ އުންމީދުގައެވެ.  

ދެން ބުނެލަން ބޭނުމީ މައިންބަފައިން ނިކަމެތިނުކުރާށެވެ! ހެޔޮލަފާ، ދަރިންދެކެ ލޯބިވާ މައިންބަފައިންނަކީ ހަމަ ސީމާގެ ބައްޕަފަދަ ބައެކެވެ. ދަރިންނަށްޓަކައި، ދަރިންގެ ފުރާނަ ސަލާމަތްކުރަން ކޮންމެ ފަދަ ޤުރްބާނީއެއްވާންވެސް ތިބޭނީ ހަމަ ތައްޔާރަށެވެ!

 

- ޔުސްރީން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން