ހަތަރު ރަށެއްގެ ކަރަންޓު ހިދުމަތް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ޖަނަރޭޓަރުތައް ފެނަކައިން ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހަތަރު ރަށެއްގެ ކަރަންޓު ހިދުމަތް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ޖަނަރޭޓަރުތައް ފެނަކައިން ފޮނުވައިފި

ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް އަޕްގްރޭޑް ކުރުމަށްޓަކައި، ހަތަރު ރަށަކަށް ބޭނުންވާ އާ ޖަނަރޭޓަރުތައް ފޮނުވުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން ޖަނަރޭޓަރުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ލ. އިސްދޫ، ލ. ދަނބިދޫ، ބ. ކެންދޫ އަދި ހއ. ކެލާ އަށެވެ.

ފެނަކައިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ރަށްތަކަށް ފޮނުވަނީ ތަފާތު ކެޕޭސިޓީތަކުގެ ޖަނަރޭޓަރުތަކެވެ. އެގޮތުން ލ. އިސްދޫ، ބ. ކެންދޫ އަދި ހއ. ކެލާގެ ކަރަންޓު ނެޓްވޯކް ވަރުގަދަކުރުމަށް ކޮންމެ ރަށަކަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ފޮނުވުމަށް ވަނީ ނިންމާފައެވެ. އަދި ލ. ދަނބިދޫއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 400 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ.

މި ތަކެތި ފޮނުވުމުގެ އަމަލީ މަސައްކަތާ ގުޅޭގޮތުން ފެނަކައިން ބުނީ، ލ. ދަނބިދޫ އަދި ލ. އިސްދޫއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖެންސެޓްތައް ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ދެ ރަށަށް ބޭނުންވާ ޖަނަރޭޓަރުތައް މާދަމާގެ ވަގުތެއްގައި އެ ރަށްތަކަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

މީގެ އިތުރުން، ބ. ކެންދޫ އަދި ހއ. ކެލާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ޖެންސެޓްތައް މިހާރު ވަނީ މާލެ ގެނެވިފައެވެ. ފެނަކައިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ މި ތަކެތި ކްލިއަރ ކުރުމުގެ މަސައްކަތެވެ. މި މަރުހަލާ ނިމުމުން، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ދެ ރަށަށް ވެސް ޖަނަރޭޓަރުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި އާ ޖަނަރޭޓަރުތަކާއެކު އެ ރަށްރަށުގެ ކަރަންޓުގެ ހިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބި، ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ. ފެނަކައިން އަންނަނީ ރަށްރަށުގެ އިންޖީނުގެތަކުގެ ގާބިލްކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން