ސިއްހީ ހިދުމަތް ފުޅާކުރުން: 11 ރަށެއްގައި ލެބޯރަޓަރީ ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ސިއްހީ ހިދުމަތް ފުޅާކުރުން: 11 ރަށެއްގައި ލެބޯރަޓަރީ ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފި

ރާއްޖޭގެ ރަށްރަށުގައި ސިއްހީ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ލެބޯޓަރީގެ ހިދުމަތް ނެތް ރަށްތަކުގެ ތެރެއިން 11 ރަށެއްގައި އަލަށް ލެބޯޓަރީތައް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފިއެވެ. މި މަސައްކަތަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 11 ރަށެއްގައި ވަނީ ލެބޯޓަރީގެ ހިދުމަތް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން އެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ޖާގަ އިތުރުކޮށް، ޓެސްޓުތައް ހެދުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން، ހިދުމަތް ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުންވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

2024 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ ރާއްޖޭގެ 76 ރަށެއްގައި ލެބޯޓަރީ ހިދުމަތް ގާއިމުކުރުމަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އެ ރަށްރަށުގައި ލެބޯޓަރީ ހިދުމަތް ފެށުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާކަމަށް ސަރުކާރުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ، 2026 ވަނަ އަހަރު ނިމޭއިރު ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުވެގެންދާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ ބޮޑެތި ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ މުހިންމު ވައުދެކެވެ.

އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި އެކަށީގެންވާ ލެބޯޓަރީ ޓެސްޓުތައް ކުރެވެން ނެތުމަކީ ރައްޔިތުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މި ހިދުމަތް ގާއިމުކުރެވުމުން، އާދައިގެ ޓެސްޓުތައް ހެދުމަށް އެހެން ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް ހުއްޓުމަކަށް އައިސް، ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެއެވެ.

މިއަދު އޮންލައިން