އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށްގެން، ނަގުދު ފައިސާ އާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމު މޯލްޑިވްސް ޒަކާތު ހައުސްއިން ހަމަޖައްސައިފިއެވެ. މި އިންތިޒާމުގެ ދަށުން މިހާރު ވަނީ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނަން ފަށާފައެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ، މާލޭގައި މި އިންތިޒާމު ހަމަޖައްސާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޤާއިމުކޮށްފައިވާ ކައުންޓަރުތަކުގައެވެ. މި ކައުންޓަރުތަކުން ކޭޝް ކާޑާއި ނަގުދު ފައިސާއިން ޒަކާތް ބަލައިގަންނާނެއެވެ.
އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ:• 22 ފެބުރުވަރީން 9 މާރިޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް.• 10 މާރިޗުން 19 މާރިޗަށް: ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިޠުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށެވެ. ކައުންސިލުތަކުން ނަގުދު ފައިސާ އާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ބޭނުންކުރާނީ އެކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ "ފިޠުރު ޕޯޓަލް" ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވައެވެ.
ފިޠުރު ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެއެވެ. ފައިސާ ދައްކައި ނިމުމުން، ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެއެވެ. އަދި ޞަދަޤާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދުވެސް އެ މެސެޖުގައި ހިމެނޭނެ ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.