ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެ ދުވަސްވަރު އާންމުންނަށާއި ބޭންކުތަކަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދެ ދުވަހަކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވުމަށް އެ އިދާރާއިން ނިންމައިފިއެވެ.
މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހުގެ ފަހު ދިހައެއްގެ ބަންދު ދުވަސްތަކުގެ ތެރެއިން އެމްއެމްއޭ ހުޅުވާފައި ހުންނާނީ މާރިޗު މަހުގެ 11 ވަނަ ދުވަހާއި މާރިޗު މަހުގެ 18 ވަނަ ދުވަހުއެވެ. މި ދެ ދުވަހު އެ އޮތޯރިޓީ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.
ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތަކަށް ބަލާއިރު، ފައިސާ ދޫކުރުމާއި ބަލައިގަތުމުގެ ޚިދުމަތުގެ އިތުރުން ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމުގެ ޚިދުމަތް ކުރިއަށްދާނީ އެ ދެ ދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށް ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ރަމަޟާން މަހުގެ އެހެން ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި ހިމެނޭ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި އެމްއެމްއޭއިން ޚިދުމަތް ދެމުންދާނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. މި ބަދަލަކީ ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން، ބޭންކިންގ ޚިދުމަތްތަކަށް މެދުކެނޑުމެއް އައުމަނުދީ ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެކެވެ.