ޤަވާއިދާ ޚިލާފަށް ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: ފުލުހުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޤަވާއިދާ ޚިލާފަށް ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: ފުލުހުން

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޤަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދީފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރަމަޟާން މަހާ ދިމާކޮށް މާލެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިންނެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މާލޭގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގެ އެކި ސަރަޙައްދުތަކުގައި ޤަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން، އެ މަގު ބޭނުންކުރާ އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އަންނަނީ ލިބެމުންނެވެ. މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް އެ ތަންތަނުން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލޭގެ ބޮޑެތި މަގުތަކަކީ އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ބަސް ދަތުރުކުރާ މަގުތަކެއްކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގެ އިތުރުން އަމީނީ މަގާއި މަޖީދީ މަގު ފަދަ ބޮޑެތި މަގުތަކުގެ ދެފަރާތުގައި ސައިކަލާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަކީ ބަސް ދަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.

މަގުތަކުގެ ދެފަރާތުގައި ޕާކުކުރުމުގެ ސަބަބުން ދަތުރުފަތުރަށާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ދަތިވާތީ، އެފަދަ ތަންތަނުގައި ޕާކު ނުކުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ. އަދި ޤަވާއިދާ ޚިލާފަށް ޕާކުކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވައެވެ.

މިއަދު އޮންލައިން