އެއް ފަހަރު ބޭނުންކުރާ ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެއް ފަހަރު ބޭނުންކުރާ ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފި

ބޯފެނާއި ލުއިބުއިންތައް ބަންދުކޮށްފައި ހުންނަ އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯފެނާއި ލުއިބުއިން ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ފުޅިތައް ހުސްކުރުމަށްފަހު، އޭގެ ތެރެއަށް އަލުން ކާބޯތަކެތި އަޅައި ބަންދުކޮށްގެން ބޭނުންކުރަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިއީ ސިއްހީ ގޮތުން ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއްގެ ގޮތުގައި އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އެ އިދާރާއިން ބުނި ގޮތުގައި މި ބާވަތުގެ ފުޅިތަކަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކައިލާ ގޮތަށް ވަކި ހާއްސަ ބާވަތެއްގެ ޕްލާސްޓިކެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ފުޅިތަކެކެވެ. އަދި މި ފުޅިތަކަކީ ވަކި ބާވަތެއްގެ އުފެއްދުންތަކެއް ބަންދުކުރުމަށް ހާއްސަކޮށްފައިވާ އެއްޗެއް ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.

އެމްއެފްޑީއޭ އިން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، ވިޔަފާރި އުސޫލުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

މިއަދު އޮންލައިން