ރޯދަ މަހުގެ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ބަހާ މަސްދަޅު ކޭސް، މާލޭ ސަރަޙައްދުގެ 54،400 އަށްވުރެ ގިނަ ގޭބިސީއަށް މިހާތަނަށް ދޫކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެ ވުޒާރާއިން ވިދާޅުވީ، ރޭގެ ނިޔަލަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ޖުމްލަ 54،454 ގޭބިސީއަކަށް މަސްދަޅު ކޭސް ހަވާލުކުރެވިފައިވާ ކަމަށެވެ.
ސަރުކާރުން މި ހަދިޔާ ދޫކުރަމުންދަނީ ރޯދަ މަހާ ދިމާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ މަގްސަދުގައެވެ. މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކަށް މަސްދަޅު ކޭސްތައް ފޮނުވުމާއި ބެހުމުގެ މަސައްކަތްވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތާ ގުޅޭގޮތުން ވުޒާރާއިން ވިދާޅުވީ، "އަތޮޅުތަކުގެ ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައި" ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލްތަކާއި ގުޅިގެންނެވެ.
ސަރުކާރުން ވަނީ މިއަހަރުގެ ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ކޮތަޅެއްގެ ހަނޑުލާއި ހަކުރުގެ އިތުރުން މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައެވެ. މީގެ ތެރެއިން ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތްވެސް ގިނަ ރަށްތަކެއްގައި މިހާރު ވަނީ ނިންމާލާފައެވެ.