މާލޭގެ ފެން ހިންދާ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ޖަޕާނުގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. "ޕްރޮޖެކްޓް ފޮ ޑިޒާސްޓް ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" (ކޮންސްޓްރަކްޝަން ފޭސް) ގެ ޕެކޭޖް ދޭއްގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
މި މަޝްރޫއަކީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖަޕާނުގެ ޓެކް އިންޓަނޭޝަނަލް އިންކޯޕަރޭޝަން އާއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު އެވެ. ޖަޕާންގެ ޓެކް އިންޓަނޭޝަނަލް އިންކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މަކޯޓޯ ޔޮކޮށީ އެވެ.
މި މަޝްރޫއުގެ ދަށުން މާލޭގައި މިހާރު ގާއިމްކޮށްފައިވާ 16 ޕަންޕް ސްޓޭޝަނެއް އޮޓޮމޭޓް ކުރުމަށް ބޭނުންވާ އާލާތްތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ސްޓޭޝަންތައް އެއްތަނަކުން ބަލައި މޮނިޓަކުރެވޭނެ ފަދަ ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަނެއް ގާއިމްކުރުންވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެއެވެ.
ފެން ހިންދާ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، މި ނިޒާމުގެ މެއިންޓެނަންސް މަސައްކަތްތަކަށް ބޭނުންވާ ޚާއްސަ ޖެޓިންގ ވެހިކަލެއްވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލުތަކާއެކު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާ ހާލަތްތަކުގައި، އަވަސްކަމާއެކު ފެން ހިންދުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.